މާލޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ކިރިގިސްތާންވެސް ބަލިކޮށް، ރާއްޖޭން ލީގު ބުރުގެ އެއްވަނަ ހޯދައިފިއެވެ.

މިރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން ކިރިގިސްތާން ކައިރިން ރާއްޖެއިން މޮޅުވީ ފަހަތުން އަރައި 3-1 ސެޓުންނެވެ. އެ ނަތީޖާއާއެކު ރާއްޖެއިން ލީގު ބުރު ނިންމާލީ ތިން މެޗުން ނުވަ ޕޮއިންޓާއެކު، އެއްވަނައިގައެވެ.

ދެވަނައިގައި ކިރިގިސްތާން ނިންމާލި އިރު، އެޓީމުން ދެން ސެމީގައި ވާދަކުރާނީ ތިންވަނަ ޓީމު އަފްގާނިސްތާނާ ދެކޮޅަށެވެ. ރާއްޖެއިން ސެމީގައި ނުކުންނަން ޖެހޭނީ ހަތަރު ވަނައިގައި މޮޅެއް ނުލިބި ނިންމާލި، ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެމެޗުތައް އޮންނާނީ 24 ވަނަ ދުވަހުއެވެ.

މިރޭގެ މެޗުން ރާއްޖެ މޮޅުވެފައިވާ އިރު، މިއީ 2019 ވަނަ އަހަރު ސެންޓްރަލް ޒޯން އަންހެން ވޮލީ އަންހެން މުބާރާތަށްފަހު ކިރިގިސްތާން ކައިރިން ހޯދި ފުރަތަމަ މޮޅެވެ. އޭގެފަހުން ކުޅުނު މެޗުތަކުން ރާއްޖެ ބަލިވެފައިވާ އިރު، ރަނގަޅު ތައްޔާރީތަކަކާއެކު މިފަހަރު މުބާރާތުގައި ރާއްޖޭން ދަނީ ތަފާތު ދައްކަމުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން އަތުން ގިނަ ގޯސްތަކެއް ހެދި، 15-25 އިން ސެޓު ގެއްލުނު ނަމަވެސް، ދެން ފެނުނީ ތަފާތު ރޫހެކެވެ.

ދެވަނަ ސެޓުން ފެށިގެން ރާއްޖޭގެ ބާރު އެޓޭކްތައް ފެނިގެން ގޮސްފައިވާ އިރު، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)އާއި ނަރީމާ އިދުރީސް (ނަންނި) ގެ އެޓޭކްތައް ފެނުނެވެ. އޭގެ އިތުރުން ރަނގަޅު ބްލޮކްތަކެއްވެސް ރާއްޖޭން ފެނިގެން ގޮސްފައިވާ އިރު، ބްލޮކްތަކުގައި މަރިޔަމް އަޒުމާ ތަފާތު ދެއްކިއެވެ.

އޭގެ އިތުރުން މާޔާ ހުސައިން ސޮލާހް ކުޅުމަށް ނުކުތުމާއެކު އޭނާގެ ތަފާތުވެސް ވަރަށް ބޮޑަށް ޓީމުން ފެނިގެން ގޮސްފައިވެއެވެ.

22 ޑިސެމްބަރ 2025، ވިމަންސް ކާވާ ކަޕް 2025، ދިވެހިރާއްޖޭއާއި ކިރިގިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން މާޔާ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މުޅި މެޗުގައިވެސް ރާއްޖޭގެ ސެޓަރު ޖޫޒާން ޒަރީރުގެ މޮޅު ކުޅުން ފެނިގެން ގޮސްފައިވާ އިރު، ޑިފެންސްގައި ފަހު ދެސެޓުގައިވެސް ރާއްޖޭން މޮޅަށް ކުޅުނެވެ.

ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުން ކުޅޭ ގައުމީ އަންހެން ވޮލީ ޓީމުން މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުން އަންނައިރު، މިއީ ސީދާ ރަން މެޑަލްއަށް އަމާޒު ހިފާފައިވާ ފަހަރެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.