އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ފުރަތަމަ މެޗުގައި ހޯސްޓް މޮރޮކޯއިން ކޮމޮރޯސް ބަލިކޮށްފިއެވެ.

މިއަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ރޭ މޮރޮކޯގެ ސްޓޭޑް ޕްރިންސް މައުލޭ އަބްދުﷲ ސްޓޭޑިއަމްގައި ފެށީ ކުލަގަދަ ހަރަކާތްތަކަކާއެކުގައެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސްއަކީ އަބަދުވެސް ކުލަގަ ރަސްމިއްޔާތުތަކަކާއެކު ފަށާ މުބާރާތަކަށްވެފައި އޮންނަ އިރު، ރޭގެ ފެށުމުގެ އިވެންޓްގައި ފީފާ ރައީސް ޖިއާނީ އިންފަންޓީނޯއާއި އެފްރިކާ ފުޓުބޯޅަ ކޮންފެޑެރޭޝަންގެ ރައީސް ޕަޓްރީސް މޮޓްސޭޕޭވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ފެށުމުގެ ކުރިން އަނިޔާގައި ހުރި މޮރޮކޯގެ ތަރި އަޝްރަފް ހަކީމީ ވަނީ އޭނާއަށް ދާދިފަހުން ލިބުނު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސަޕޯޓަރުންނަށް ދައްކާލައިފައެވެ.

އެ ފޯރިއާއި ޖޯޝާއެކު ފެށި މެޗުގެ ކުރީކޮޅުގައި މޮރޮކޯއަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ކޮމޮރޯސްއަކީ މޮރޮކޯއަށްވުރެ ފީފާ ރޭންކިންގައި 97 ދަރަޖަ ދަށުގައި އޮތް، އިންޑިއަން އޯޝަން އައިލެންޑް ނޭޝަން ގައުމެއް ނަމަވެސް، މެޗު މޮރޮކޯއަށް ފަސޭހައެއް ނުވިޮއެވެ.

ހާއްސަކޮށް ކުރީކޮޅުގައި މޮރޮކޯއަށް ލިބުނު ޕެނަލްޓީ، ސުފިޔާން ރަހީމީ އަތުން ބޭކާރުވުމާއެކު ޕްރެޝަރު ބޮޑުވިއެވެ. ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ދެވަނަ ހާފު ފެށިގެން 10 މިނެޓުގައި ގޯލް ފެނިގެން ދިޔައެވެ.

މެޗުގެ ފުރަތަމަ ގޯލާއެކު މޮރޮކޯގެ ހާސްކަން ކަނޑުވާލަ ދިނީ ރެއާލް މެޑްރިޑްގެ ބްރަހީމް ޑިއާޒެވެ. ނުސައިރު މަޒްރޫއީ އޭރިއާ ތެރެއިން ރީތި ކޮންޓްރޯލެއް ކޮށްލުމަށްފަހު ނަގައިދިން ބޯޅަ ޑިއާޒް ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.

އެހިސާބުން މޮރޮކޯގެ ސަޕޯޓަރުން ކެކި އަރައިގަނެ، ޓީމަށް ހިތްވަރު ދިނެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމިގެން ދިޔައީ އައްޔޫބު އެލް ކާބީ ޖަހައިދިން އޯވަހެޑް ގޯލަކާއެކު މޮރޮކޯން ލީޑު ފުޅާވެސް ކޮށްގެންނެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭވެސް އޮންނާނެއެވެ.