ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 83 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސެލޫންތަކުގެ ނަމުގައި ދީނީ ހަމަތަކާ އެއްގޮތަކަށްވެސް ނުފެތޭގޮތަށް މަސާޖު ޕާލާތައް ހިންގާ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެއް ކަމަށެވެ.

އެއީ ހުރިހާ ސަރުކާރަކުންވެސް އަބަދުވެސް ވަރަށް ސީރިއަސްކޮށް ނަގާ ކަމަށް ބުނެފައި ހުރި ކަމެއް ކަމަށާއި އެތަންތަނަށް ގޮސް އެތަންތަން ބަންދުކުރާ ވާހަކަ އަޑުއިވުނު ނަމަވެސް، ދުވަހަކުވެސް މަދުނުވެ ދަނީ އިތުރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އާ ފޯކަސްއެއް ނޫނީ އިތުރު ހިތްވަރެއް، އިތުރު ރިސޯސްއެއް ލައިގެން ކަމާގުޅޭ ތިން އިދާރާ އެކުގައި، އިމިގްރޭޝަން، އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ޓާސްކް ފޯހަކުން މި މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ގެންދަން ފެށީ ނުވައެއް ޑިސެމްބަރުގައި. ނުވައެއް ޑިސެމްބަރުން 21 ޑިސެމްބަރަށް މިވީ ދުވަސްކޮޅު ތެރޭގައި 83 މަސާޖު ޕާލާ ބަންދުކުރެވިއްޖެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް މިހާ ގިނަ އަދަދަކަށް މަސާޖު ޕާލާތައް ބަންދުކުރެވިފައިނުވާ ކަމަށާއި މީގެ ކުރިން އަބަދުވެސް ކުރަމުންދިޔަ ކަމަކީ އެތަންތަނަށް ގޮސް އިންޒާރެއް ނުވަތަ ފިޔަވަޅެއް އެޅުން ކަމަށެވެ. އަދި މި ސަރުކާރުން ފެށި އެ މަސައްކަތާއެކު ބައެއް މީހުން ހައްޔަރުކޮށް، ބައެއް މީހުން ޑީޕޯޓުކުރުމުގެ މަރުހަލާގައި ތިބި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ހުރުމާއެކު ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ ތިން ހަފުތާ ތެރޭގައި އެކަނިވެސް 56 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.