އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް އެފްރިކާ ކަޕް އޮފް ނޭޝަންސް، ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވަން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމައިފިއެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް މީގެ ކުރިން ބާއްވަމުން އައީ ކޮންމެ ދެ އަހަރުން އެއް އަހަރުއެވެ. އެއީ 1957 ވަނަ އަހަރުން ފެށިގެން އެ މުބާރާތް ބާއްވަމުން އައި ގޮތެވެ.

ކާފްގެ ރައީސް ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ އެފްރިކާ ކަޕް އޮފް ނޭޝަންސް ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަން އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ. މޮޓްސެޕޭ ވިދާޅުވީ މިއަހަރުގެ މުބާރާތުގެ އިތުރުން 2027 ވަނަ އަހަރު ބާއްވަން ނިންމާފައިވާ މުބާރާތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި، ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ގޮތަށް ބަދަލުކުރާނީ 2027 ވަނަ އަހަރު މުބާރާތަށް ފަހު ކަމަށެވެ.

މިއަހަރު މޮރޮކޯގައި ބާއްވަން ތައްޔާރުވެފައިވާ މުބާރާތް މިރޭ ފަށާ އިރު، އެ މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯ ނުކުންނާނީ ކޮމޮރޯސްއާ ދެކޮޅަށެވެ.

އޭގެފަހުން 2027 ވަނަ އަހަރުގެ މުބާރާތް ހޯސްޓް ކުރަން ނިންމާފައި ވަނީ ކެންޔާ، ޓަންޒޭނިއާ އަދި ޔުގަންޑާގައެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޮތަށް ނިންމައި، ކާފް އިން ވަނީ އަހަރަކު އެއްފަހަރު އެފްރިކަން ނޭޝަންސް ލީގު ބާއްވަން ނިންމައިފައެވެ. އެއީ 2029 ވަނަ އަހަރުން ފެށިގެންނެވެ. އެއީ މިވަގުތު ޔޫރަޕްގައި ޔޫއެފާ ނޭޝަންސް ލީގު ބާއްވާ ފޯމެޓަށެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްއަކީ ކާފްގެ އާމްދަނީގެ 80 ޕަސެންޓް ހިއްސާވާ މުބާރާތެކެވެ. އެ މުބާރާތް ހަތަރު އަހަރަކުން އެއް ފަހަރު ބާއްވަން މީގެ ކުރިން ފީފާއިންވެސް ލަފާ ދީފައިވެއެވެ. އެއީ ސީޒަން ތެރެއިން ކުޅުންތެރިން އެ މުބާރާތަށް ހުސްވާން ޖެހޭތީ، އެކަމަށް ހައްލެއް ހޯދުމަށްވެސް ވިސްނައިގެންނެވެ.