ރާއްޖޭގައި ޑެންގީ ހުން އިތުރުވަމުން އަންނާތީ، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ޑެންގީ ހުން ފެތުރެނީ، އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު، އެހެން މީހެއްގެ ގައިގައި ހެފުމުންނެވެ.

އެޗްޕީއޭއިން އިއްޔެ ބުނީ ޑެންގީހުން ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މަދިރީގެ ކިބައިން ރައްކާތެރިވުމަށް، މަދިރި މަދުކުރުމަށް، ކުރެވެން ހުރި މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

ޑެންގީހުން އިތުރުވާކަން އެޗްޕީއޭއިން ފާހަގަކޮށްފައިވާ އިރު، އޮކްޓޫބަރު މަހުން ފެށިގެން 4،400 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިގެން 20 ކޭސް އިތުރަށް ރިޕޯޓުކުރިއިރު އެޗްޕީއޭއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޑެންގީހުން ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެޗްޕީއޭއިން ބުނީ ޑެންގީ ހުން ޖެހިއްޖެނަމަ ގިނައިން އަރާމު ކުރުމާއެކު ދިޔާ ތަކެތި ބުއިން އިތުރު ކުރަންވާނެ ކަމަށެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށާއި ހުން މަޑުކުރުމަށާއި ގައިގެ ރިހުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވާ އިތުރު ބޭސްތައް ބޭނުން ނުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މިކަންކަމުން ރައްކާތެތިވުމަށް އެޗްޑީސީއިން ހުޅުމާލެ ޕާކުތަކާއި މިސްކިތް ސަހަރައްދާއި ނެއިބާހުޓްތަކުގެ އިތުރުން ފޭސް އެކެެއްގެ ގިނަ ސަރަހައްދުތަކުގައި ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މަރިދި ކޮންޓްރޯލުކުރުމަށް ފޮގު ޖެހުމުގެ މަސައްކަތްތައް ކުރިޔަށްގެންދެއެެވެ.