ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫނުކުރުމަށް ކުރިިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަހަރުގެ މާޗު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިއަހަރުގެ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.

ޝަމްއާންގެ ފަރާތުން އެ ދެ އަމުރުވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހުކުމްކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

އެފަހުން ޝަމްއާންގެ ގިނަ ޝަރީއަތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިހާރު އެ މައްސަލައިގައި ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މި މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ. އެ ދުވަހު ޝަމްއާންގެ ފަރާތުންވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާތީ ބަންދު މުރާޖާއާ ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ޝަރީއަތުން ނިންމީ ބަންދު މުރާޖާއާކުރުން އެހެން ދުވަހަކަށް ތާވަލުކުރުމަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދުވަނީ ޝަމްއާންގެ ބަންދު މުރަޖާއާގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމުގައި ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ޝަމްއާން ބަންދުގައި ބަހައްޓަންޖެހޭފަދަ ހާލަތެއް މިހާރު ނެތް ކަމަށެވެ. ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް ކޯޓުން އަމުރުކުރީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ތެރޭގައި އިމިގްރޭޝަންގެ މުވައްޒަފުން ހިމެނޭތީކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

ނޫރުއްސަލާމް ވިދާޅުވީ އެ ހެކިވެރިންގެ ހެކިބަސް މިހާރު ނަގައިނިމިފައިވާ ކަމަށެެވެ. އެހެންކަމުން މިހާރު އެ ހެކިންނައް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް ނެތްކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. އެއާއެކު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި ހާލަތު މިހާރު ފިލައިގޮސްފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުން ވިދާޅުވީ މީގެ ކުރީގެ ބައެއް އެހެން މައްސަަލަތައް ބަލާއިރު ހެކިބަސް ނަގައި ނިމުނުފަހުންވެސް ހެކިންނައް ނުފޫޒު ފޯރުވާފައިވާ މައްސަލަތައް ފެންމަތިވި ކަމަށެވެ. އެގޮތުން އެ މައްސަލަތަކުގައި ހެކިވެރިންވަނީ ހެކިބަސް އަނބުރާ ގެނެސްފައިވަކަން ދައުލަތުން ފާހަގަކުރެއްވިއެވެ.

ދައުލަތުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ކުރިން އިމިގްރޭޝަންގައި މަސައްކަތްކުރި އަހުމަދު ލައްސާން ހެކިބަސް އަދި ނަގައިފައިނުވާ ކަމަށާއި އެހެންކަމުން ހެއްކައް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އަދިވެސް އުފަންވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާގެ ހެކިބަސް ނެގިފައިނުވާ ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ ޝަމްއާންގެ ބަންދާއިމެދު މިއަދު ގޮތެއް ނުނިންމުމަށެވެ.

ލައްސާން އަދި އެ ބިދޭސީ މީހާގެ ހެކިބަސް ނަގައި ނިމުމުން، ޝަމްއާން ޝަރުތުތަކަކާއެކު ބަންދު ދޫކޮށްލަ ދިނުމަށް ދައުލަތުން އިސްވެ އެދޭނެކަމަށް ދައުލަތުން ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ތާއީދު ކުރެއްވީ ދައުލަތުގެ ފަރާތުން ފާހަގަކުރި ކަންކަމަށެވެ. ގާޒީ ވިދާޅުވީ ޝަމްއާން، ބަންދުކުރަން ޖެހުނު ހާލަތު އަދިވެސް ފިލައިނުގޮސް، ވުޖޫދުގައި އެބައޮތް ކަމަށެވެ. ދެ ހެއްކެއްގެ ހެކިބަސް ނަގައި ނިމުމުން ދައުލަތުން އިސްވެ ޝަމްއާންގެ ބަންދު ދޫކޮށްލަށް ދިނުމަށް އެދޭނެކަން ފާހަގަކޮށްފައިވާތީ ގާޒީ ނިންމެވީ ޝަމްއާން ބަންދު ދޫނުކުރުމަށެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ޝަމްއާން ވިދާޅުވެފައިވަނީ އޭނާއާއެކު މި މައްސަލައިގައި ހައްޔަރުކުރި އެންމެން ބަންދުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި ބަންދުގައި ހުރީ އޭނާ އެކަނިކަން ޝަރީއަތުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

ގާޒީ ވިދާޅުވެފައިވަނީ ބަންދުގައި ހުންނަން ނުޖެހޭ މީހެއް ބަންދުގައި ނުހުންނާނެ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުން ބަންދުން ދޫކުރަން ފެނުމުން ބަންދުން ދޫކުރާނެ ކަމަށެވެ.