މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އަމުރަކަށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓުތައް ހިފަހައްޓާފައިވާނަމަ، އެ އެކައުންޓުތައް ރިލީސް ކުރުމަށް ބޭންކުތަކަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.
އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން އަންނަނީ އާންމު ކުރަމުންނެވެ. އެވަރުންވެސް ޓެކްސް ނުދައްކައިފިނަމަ އެ ކުންފުނިތަކާ ދެކޮޅަށް ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމާއި އެ ފަރާތްތަކުގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށްގެން ވެސް މީރާއިން ޓެކްސް ފައިސާ ހޯދައެވެ.
އެގޮތުން އިންކަމްޓެކްސް ފައިސާ ނުދައްކައިގެން މީރާއިން އާއްމުކުރި ފަރާތްތަކުގެ ތެރޭގައި އައިމާ ހިމެނެއެވެ.
އެ މައްސަަލަ އައިމާއިން ވަނީ ސިވިލްކޯޓަށް ހުށަހަޅައިފައެވެ. އަދި އެ މައްސަލަ ނިމެންދެން މީރާ އާއި ބޭންކުތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އައިމާއިން ހުށަހެޅިއެވެ.
އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައިވަނީ، ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ހުކުމްކޮށް ނިމުމާ ހަމައަށް ނުވަތަ ޝަރީއަތުން އެހެންގޮތަކަށް އަންގަންދެން އައިމާ އާއި މީރާއާ ދެމެދު ވެފައިވާ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމަށް އަމަލު ކުރުމަށާއި އެ އެއްބަސްވުމުގައިވާގޮތަށް އިންސްޓޯލްމަންޓް ފައިސާ ބަލައިގަތުމާއި، އެ އެއްބަސްވުމުގެ ދަށުން ބަހާލައިގެން ދައްކަންހުރި ފައިސާ އެކީ އެއްފަހަރާ ހޯދުމުގެގޮތުން އެއްވެސްް ފިޔަވަޅެއް ނޭޅުމަށާއި، އެފަދަ ފިޔަވަޅެއް އަޅާފައިވާނަމަ އެއަށް އަމަލުކުރުން ފަސްކުރުމަށް މީރާއަށް އަންގާ ކަމަށެވެ.
އަދި ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ އައިމާގެ އެކައުންޓުތަކުގައި ހުރި ފައިސާ ހިފެހެއްޓުމަށް މީރާއިން ބޭންކްތަކަށް އަންގާފައިވާނަމަ އެ އެންގުން ބާތިލުކޮށް އަނބުރާ ގެނައުމަށް މީރާއަށް އަންގައި، މީރާގެ އެންގުމަކަށް އައިމާގެ ބޭންކު އެކައުންޓުތައް ހިފާއްޓާފައިވާނަމަ އެކައުންޓުތައް ރިލީސް ކުރުމަށް ބޭންކްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރުގައިވެއެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް