އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން އިއްޔެ ފެށި ހަރަކާތުގެ ތެރެއިން ރޭ އެކަނިވެސް 23 ބިދޭސިއަކާ ސުވާލުކޮށް، އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށު ތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ ރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައެވެ.
ރައީސް ވަނީ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެ ފިޔަވަޅެއް އެޅުމަށް ވެސް ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ރޭ ދަންވަރު ބޭރުގައި އުޅެނިކޮށް ހުއްޓުވައި 23 ބިދޭސީންނާ ސުވާލުކޮށްފައިވާނެ ކަމަށާއި އަދި ގަވާއިދާ ހިލާފަށް އުޅެނިކޮށް އެއް ބިދޭސީއަކު ހައްޔަރު ކުރި ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ބިދޭސީ މީހާ އިމިގްރޭޝަނާ ހަވާލުކުރުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސްގެ އެދިލެއްވުމަށް ފުލުހުން ނިންމާފައި ވަނީ ރެއިން ފެށިގެން ކޮންމެ ރެއެއްގެ ދަންވަރު 12 އިން ހެނދުނު 6 އާ ދެމެދު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރާށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ހާއްސަ އޮޕަރޭޝަންތަކެއް ފަށައި، ރެސްޓޯރެންޓްތަކާއި ކެފޭ އަދި ވިޔަފާރި ހިންގާ ތަންތަން އަންނަނީ ބަލައި ފާސްކުރަމުންނެވެ.
އަދި އެފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް