އޮޕަރޭޝަން ކުރަނގީގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާ އިރު، ބަޔޯމެޓްރިކްސް ދީފައިނުވާ 509 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ބިދޭސީންގެ މައްސަލަ ވަނީ އަޑި ނޭނގޭ ފުންމިނެއްގައި ކަމަށެވެ. ރާއްޖޭގައި ތިބީ ކިތަށް ބިދޭސީންކަމެއް، އެ ބިދޭސީން ތިބިތަނެއް އަދި ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ މައުލޫމާތެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންވެ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ރައީސްގެ އިސްނެންގެވުމުގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށައި، ތިން އަހަރު ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރަން އަމާޒު ހިފައިފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
"އެގޮތުން އެ އޮޕަރޭޝަންގެ ފޭސް އެކެއްގައި އަޅުގަނޑުމެން ފެށީ މާލެ ސަރަހައްދުގެ ރަށްތަކުގައި ތިބޭ ބިދޭސީންގެ ބަޔޯމެޓްރިކްސް އާއި ފޭސް އައިޑީ ނަގައި ސިސްޓަމްތައް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް. ފޭސް ދޭއްގައި އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރީ އަދި ރިސޯޓްތަކަށް ވެސް ފުޅާކުރީ. މި މަސައްކަތުން މިއަދާ ހަމައަށް 202,000 ބިދޭސީންގެ މައުލޫމާތު ނަގައި އެ މައުލޫމާތުތައް ވާނީ ސިސްޓަމަށް އަޕްޑޭޓްކޮށްފައި. އެހެންކަމުން ޓާގެޓް ކުރި އަމާޒަށް ކުރިން އަންދާޒާ ކުރެވުނު ވަރަށް ވުރެއް އަވަހަށް ވާސިލް ވެވޭނެ ކަމުގެ އުންމީދު އެބައޮތް،" އިހުސާން ވިދާޅުވިއެވެ.
"ފަނަރަ ނޮވެމްބަރު 2025 އިން ފެށިގެން މިއަދާ ހިސާބަށް ގާތްގަނޑަކަށް އެއް މަސް ތެރޭގައި، މިހާތަނަށް ފިންގަޕްރިންޓް ނުދީ ރާއްޖޭގައި އުޅެމުން އައި ބިދޭސީންގެ ތެރެއިން 509 ބިދޭސީން ވަނީ އިމިގްރޭޝަނުން ހިފައި ރާއްޖެއިން ބޭރުކޮށްލާފައި،"
ރައީސް މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން މިވީ ދެ އަހަރުގެ ތެރޭގައި ޖުމްލަ 9،691 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން