އުތުރު އެމެރިކާ ގައުމުތަކުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް 2026 އަށް، އިނާމު ފައިސާ ބޮޑުކޮށްފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

އަންނަ އަހަރު ޖޫން މަހު ފަށާ ވޯލްޑް ކަޕް އޮންނާނީ އެމެރިކާއާއި މެކްސިކޯގެ އިތުރުން ކެނެޑާގައެވެ. އެ ވޯލްޑް ކަޕް ވެގެންދާނީ 48 ގައުމަކުން ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕަށެވެ.

ފީފާއިން ބުނެފައި ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް 727 މިލިއަން ޕައުންޑްގެ އަދަދެއް، ފައިސާގެ އިނާމުތަކުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ގަތަރު ވޯލްޑް ކަޕަށްވުރެ، 50 ޕަސެންޓް އިތުރު އަދަދެކެވެ.

އޭގެ ތެރެއިން 655 މިލިއަން ޑޮލަރަކީ ޓީމުތައް ކުރިއަށްދާ ވަރަކުން ދެވޭ އިނާމު ފައިސާއެވެ. އެ ފައިސާ ދޭނީ ފީފާއިން މިހާރު ގެންގުޅޭ "ޕާފޯމަންސް ބޭސްޑް ޕޭމަންޓް" ސިސްޓަމަށެވެ.

ފީފާއިން ބުނީ ގައުމުތައް ކުރިއަށްދާ ވަރަކުން ފައިސާ ދެމުން ގޮސް، ޗެމްޕިއަން ޓީމަށް 50 މިލިއަން ޑޮލަރު ޖެހޭނެ ކަމަށެވެ. އަދި ރަނަރަޕް ޓީމަށް 33 މިލިއަން ޑޮލަރުގެ ފައިސާ ދެވޭނެ ކަމަށެވެ.

ގްރޫޕް ސްޓޭޖުން ކަޓާ ކޮންމެ ޓީމަކަށްވެސް ނުވަ މިލިއަން ޑޮލަރު ޖެހޭނެ ކަމަށް ފީފާއިން ބުނެފައިވާ އިރު، ވޯލްޑް ކަޕަށް ކޮލިފައިވާ ކޮންމެ ޓީމަކަށްވެސް 1.5 މިލިއަން ޑޮލަރު ދޭން ނިންމާފައިވެއެވެ.

އިއްޔެ ބޭއްވި ފީފާ ކައުންސިލް ބައްދަލުގައި އިތުރު ނިންމުންތަކެއްވެސް ނިންމާފައިވެއެވެ. އެގޮތުން ފީފާއިން މުޅިން އަލަށް ފަށައި 15 އަހަރުން ދަށުގެ ޔޫތު ފެސްޓިވަލް މުބާރާތްތަކުގެ ތެރެއިން ފިރިހެން މުބާރާތް އަންނަ އަހަރު އަދި އަންހެން މުބާރާތް 2027 ވަނަ އަހަރު ބާއްވަން ނިންމާފައިވެއެވެ.