ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކީ އިސްމާއީލް ޒަރިޔަންދު ކަމަށް އެ ޕާޓީން އިއުލާންކޮށްފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ޒަރިޔަންދު، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާންކުރީ އެ ޕާޓީން އާޓިފިޝަލް ބީޗުގައި މިރޭ ކުރިއަށްގެންދާ "ރީސެޓް" ޖަލްސާގައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ތެރޭގައި ގިނަ މައްސަލަތައް ހުރި ކަމަށާއި އޭގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭ ކަމަށެވެ.

މޭޔަރުކަމަށް ވަޑައިގެން، މާލޭ ސިޓީ ކައުންސިލުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަން މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯއްދަވައިދެއްވާނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ ރާއްޖެއަށް އުމްރާނީ ތަރައްގީ ގެނެސްދެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި އެ މަނިކުފާނާއެކު ކުރިއަށް ވަޑައިގެންނެވުމަށް ނިންމެވީ އެ ސަބަބާ ހެދި ކަމަށެވެ. އަދި މާލޭގެ މޭޔަރުކަމުގައި ހުންނަވާ އިރު، ވެރިކަމުގައި ހުންނަވާ ރައީސަކަށް ވާން ބޭނުންވަނީ ރައީސް ޔާމީން ކަމަށެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މޭޔަރުކަމަށް ޒަރިޔަންދު މާލޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޒަރިޔަންދަށް ޓިކެޓުދީފައިވާނީ ޕާޓީއަށް ސޮއިކުރުމަށް ނުވަތަ ވަކި ކަމަކަށް ޝަރުތުކޮށްގެން ނޫން ކަމަށެވެ.

ޒަރިޔަންދަކީ ޕޮލިޓިކަލް ކެންޑިޑޭޓެއް ނޫން ކަމަށާއި އެއީ ހުރިހާ ރައްޔިތުންނާއެކު މަސައްކަތްކުރެވޭނެ ގައުމީ ކެންޑިޑޭޓު ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ޒަރިޔަންދު ކުރެއްވި މަސައްކަތަށް ވެސް ޔާމީން ތައުރީފުކުރެއްވިއެވެ