އަންނަ 2026 އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، ޕީއެންސީން ނެރޭ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އިންތިހާބު މިމަހުގެ 27 އަށް ތައާވަލު ކޮށްފިއެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވީ، މި މަހުގެ އެކަކުން 15 އަށް ހުޅުވާލި މުއްދަތު ހަމަވި އިރު 1300 އަށް ވުރެ ގިނަ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ.
"މިޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމާ މި ދޭތެރޭގައި، ފުރަތަމަ މިމަހުގެ 27 ވަނަ ދުވަހު ބޭއްވޭނީ ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގައި ޕްރައިމަރީ. އެކަމުގެ އިންތިޒާރުގައި މިހާރު ޕްރައިމަރީ އޮންނަ ދާއިރާތަކުގެ ކެންޑިޑޭޓުން ތިއްބަވާނީ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހަޅަން ވަޓްސްއެޕް އަދި ވައިބާ މެދުވެރިކޮށް ހުޅުވާލާނެ ކަމަށެވެ. އެކަމަށް ހާއްސަކޮށްފައިވާ ނަމްބަރު ހުރިހާ ކެންޑިޑޭޓުންނަށް އެނގޭނެހެން އާންމުކުރާނެ ކަމަށެވެ.
އެތެރޭގެ އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ބާއްވަން ނުޖެހޭ ދާއިރާތައް ދެނެގުމަށް ކެންޑިޑޭޓުންގެ ސައްހަ މައުލޫމާތު ހޯދުމަށް ޕޮލިސް ރެކޯޑް ވެސް ބަލަމުންގެންދާކަން ފަލާހު ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ކުރިއަރާފައިވާކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ ކުރީގައި ޕާޓިތަކުން އެންމެ މައްޗަށް ދެވިފައި ހުރީ 80 ޕަސެންޓު ނަމަވެސް މި ފަހަރު އެ އަދަދު 97 ޕަސެންޓަށް އަރާ ހަމަކޮށްފައިވާ ކަމަށެވެ.
ވޯޓުލުމުގެ މަސައްކަތުން ފެށިގެން ވޯޓު ގުނުމުގެ މަރުހަލާ ވެސް ފެނިގެންދާނީ ވަރަށް ދެފުއްފެންނަ ގޮތަކަށް ކަމަށާއި ނަތީޖާ އިއުލާނުކުރަން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. އަދި އެ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިންތިހާބުގެ ހުރިހާ މަސައްކަތެއްވެސް ކުރިޔަށްދާނީ ވަރަށް ދެފުއްފެންނަ ގޮތަކަށް ވަރަށް ކެނޑިޑޭޓުންނަށް އިންސާފާއި ހަމަހަމަކަން ލިބިގެންދާ އިންތިހާބެއްގެ ގޮތުގައި އިންތިހާބުގެ ހުރިހާކަމެއްވެސް ކުރިޔަށްދާނީ." ފަލާހު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް