ރާއްޖެއަށް އެތެރެކުރި 1.9 ކިލޯގެ ޑްރަގް ފޮށިކަނޑަކާ ހަވާލުވާންދިޔަ އަންހެނަކު 18 އަހަރަށް ޖަަލަށްލުމާއެކު 75،000 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެެވެ.
މި މައްްސަލައިގައި ހުކުމްކުރީ ގއ. ކަނޑުހުޅުދޫ ކަށިކެޔޮމާގެ، އަޒްމާ ޝަރީފްގެ މައްޗަށެވެ.
އެއީ އެހެން މީހެއްގެ ނަމުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެޑެކްސް މެދުވެރިކޮށް ގެނައި މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ އޭނާ ހަވާލުވި މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ފުލުހުން ޝަރީއަތުގައި ހެކިބަސްދިނީ އެ ފޮށިގަނޑުގައި މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ އެމްޑީއެމްއޭ ހުރުމުން އޭގެ ވެރިފަރާތް ހޯދުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަނިކޮށް އެ ފޮށިގަނޑާ ހަވާލުވީ އަޒްމާ ކަމަށެވެ.
އަޒްމާ ބުނެފައިވަނީ އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ ރައްޓެއްސަކު ބުނެގެން ކަމަށެވެ. އަދި އެ ފޮށިގަނޑު އައިސްފައި އޮތީ ވެސް ފާތިމަތު ޖަމީމާ ނަމަަަކަށް ކިޔާ މީހެއްގެ ނަމުގައެވެ. ނަމަވެސް އަޒްމާ މެދުވެރިކޮށް އެ މީހާއާ އެ ފޮށިގަނޑު ހަވާލުކުރަން ކުރި މަސައްކަތަށް އަޒްމާ އެއްބާރުލުން ނުދިން ކަމަށް ފުލުހުން ދިން ހެކިބަހުގައި ބުނެފައިވެއެވެ. އަދި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން އެ ހިސާބުން ނިންމާލައި އޭނާ ހައްޔަރުކުރީ އެހެންވެ ކަމަށް ފުލުހުން ބުންޏެވެ.
ހުކުމްގައިވާގޮތުން ކޮންޓްރޯލްޑް ޑެލިވަރީއަށް އެއްބާރުލުން ދޭން އަޒްމާ ފުރަތަމަ އެއްބަސްވި ނަމަވެސް ފޮށިގަނޑުގައި ޖަހާފައި އޮތް ނަމްބަރުން އަޒްމާގެ ފޯނަށް ގުޅުމުން ފުލުހުންގެ ހާޒިރުގައި އެ ކޯލަށް ޖަވާބުދޭން އަޒްމާ ދެކޮޅު ހެދިއެވެ. އަދި އޭނާގެ ފޯނުގެ ކޯޑް އެ ވަގުތު ފުލުހުންނަށް ދޭން އޭނާ އިންކާރު ކޮށްފައިވާކަން ހެކިންގެ ބަހުން އެނގޭ ކަމަށް ހުކުމުގައިވެއެވެ. އެހެންވެ، އެ ފޮށިގަނޑާ ހަވާލުވިއިރު އޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމަށް ހުކުމުގައިވެއެވެ.
ހުކުމުގައިވާ ގޮތުން އެއީ އޭނާއާ ގުޅުމެއް ނެތް ފޮށިގަނޑެއް ނަމަ ފުލުހުންނަށް އޭގެ ވެރިފަރާތް ބުނެދީ، އެ މީހާގެ އަމިއްލަ މައުސޫމްކަން ސާބިތުކުރަން މަސައްކަތް ކުރާނެއެވެ. ނަމަވެސް ފުލުހުންނަށް އެއްބާރުލުން ނުދިނުމާއި އަދި ޝަރީއަތުގައި ވެސް އެ ފޮށިގަނޑުގެ ވެރިފަރާތް ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އަޒްމާއަށް އެނގޭ ކަމަށް ހުކުމުގައިވެއެވެ.
އެހެންކަމުން އަޒްމާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 18 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭނީ 15 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމްކުރިއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް