މޯލްޑިވްސް އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން އިތުރު ފަސް މަސާޖު ޕާލާއެއް ބަންދުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ 17 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

އޭގެ ތެރެއިން ފަސް މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ އިރު، އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން ވަނީ މިމަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަސާޖު ޕާލާތަކެއް ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން ގިނަ މަސާޖު ޕާލާތައް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަސާޖު ޕާލާތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް ހަށިވިއްކާ ތަންތަން ހިންގަމުންދާ އިރު، އިމިގްރޭޝަނާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އެފަދަ ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ޑީޕޯޓުކޮށްފައިވެއެވެ.