ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި އޮސަސޫނާ ބަލިކޮށްފިއެވެ.

ރޭގެ މެޗުން ބާސާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާސާ ވަނީ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މިހާތަނަށް ކުޅުނު 17 މެޗުން ބާސާއަށް 43 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 16 މެޗުން 36 ޕޮއިންޓް ލިބިފައިވެއެވެ. މިހަފުތާގެ މެޗުން މޮޅުވެ، ރެއާލަށް ފަރަގު ކުޑަކުރުމަށް ފުރުސަތު އެބައޮތެވެ.

ފުރަތަމަ ހާފުގެ އިތުރުން ދެވަނަ ހާފުގެ ބޮޑުބައެއްގައިވެސް ބާސާގެ އެޓޭކަށް ވަނީ މާޔޫސްކަމާ ކުރިމަތިވެފައެވެ. މެޗުގައި ބާސާއިން ޖުމުލަ 21 ޝޮޓް ހަދާފައިވާ އިރު، ފުރަތަމަ ގޯލް ފެނުނީ 70 ވަނަ މިނެޓުގައެވެ.

ޕެނެލްޓީ އޭރިއާ ކައިރިން ރަފީނިއާ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ލީޑު ނަގައިދިން އިރު، 86 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ގޯލް ޖަހައިދިނީވެސް ރަފީނިއާއެވެ.

އިތުރު ގޯލެއް ޖަހަން ފެރާން ޓޮރެސްއާއި މާކަސް ރަޝްފޯޑަށް ފުރުސަތުތައް ލިބުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ. އޮސަސޫނާއިން ކައުންޓާ އެޓޭކްގައި ނުރައްކާ ކުރި ނަމަވެސް، ބާސާއިން ވަނީ ހިފަހައްޓައިފައެވެ.

މިހާތަނަށް ލީގުގައި ކުޅުނު 17 މެޗުގައި ބާސާއިން ވަނީ 49 ގޯލް ޖަހައިފައެވެ.