އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ލިވަޕޫލް އަދި އާސެނަލް ކުޅުނު މެޗުތަކުންވެސް މޮޅުވެއްޖެއެވެ.

ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 އިން އެވަޓަން ބަލިކުރި އިރު، ލިވަޕޫލުން ބްރައިޓަން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި އޭގެފަހުން ރޭ މެންދަމު އާސެނަލުން ކުޅުނު މެޗުގައި ވުލްވްސް ކައިރިން ސަލާމަތްވީ 2-1 ގެ ނަތީޖާއަކުންނެވެ.

އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ހޯދިފައި ނެތް ޗެލްސީން ރޭގެ މެޗަށް ނުކުތީ ޕްރެޝަރު ކަނޑުވާލުމަށެވެ. ލީގުގައި ޖެހިޖެހިގެން ތިން މެޗުން ޕޮއިންޓް ގެއްލިފައި އޮވެ ރޭގެ މެޗަށް ނުކުތް ޗެލްސީން ފުރަތަމަ ހާފުގައި ގޯލްތައް ޖެހިއެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރި ކޯލް ޕާމާ އެނބުރި އައިސް ރޭގެ މެޗުގައި ގޯލް ޖެހި އިރު، މެދު ތެރެއިން މާލޯ ގުސްޓޯ ދުއްވާލި ބޯޅަ އޭނާ ފަސޭހަކަމާއެކު ގޯލަށް ވައްދާލީ ކީޕަރުގެ ހަނި ކަނުންނެވެ.

ހާފު ނިމުމުގެ ކުރިން ގުސްޓޯ ޗެލްސީގެ ދެވަނަ ގޯލް ޖެހި އިރު، ދެވަނަ ހާފުގައި އެވަޓަންއިން ގޯލަކަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އިލިމަން އެންޑިއާޔޭއާއި ޖެކް ގްރީލިޝްގެ ހަމަލާތައް ފެނުނު ނަމަވެސް ޗެލްސީން މޮޅު ޔަގީންކުރިއެވެ.

މި ސީޒަނުގައި އުނދަގޫ ފޯމެއްގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގެ ސްކޮޑަށް މުހައްމަދު ސަލާހް އެނބުރި އައިސްފައިވާ އިރު، އޭނާގެ އެސިސްޓެއްވެސް ފެނިގެން ގޮސްފައިވެއެވެ.

މެޗުގައި ހޫގޯ އެކަޓީކޭ ދެ ގޯލްވެސް ޖެހި އިރު، ދެވަނަ ހާފުގައި ސަލާހް ތަނަވަސްކުރި އެސިސްޓާއެކު އޭނާ ވެގެން ގޮސްފައި ވަނީ ޕްރިމިއާ ލީގު އެއް ކްލަބެއްގައި އެންމެ ގިނަ އެސިސްޓް އަދި ގޯލް ޖެހި ކުޅުންތެރިޔާއަށެވެ.

އާސެނަލުން ފުލުގައި އޮތް ވުލްވްސް ކައިރިން ރޭ އުނދަގޫ މޮޅެއް ހޯދި އިރު، ގޯލްތައް ފެނުނީ ދެވަނަ ހާފުގައެވެ. ސޭމް ޖޯންސްޓޯން އަތުން ބައިކޮޅަށް ވަން ގޯލަކުން އާސެނަލް ލީޑު ނެގި އިރު، 90 ވަނަ މިނެޓުގައި ވުލްވްސްގެ ޓޯލޫ އަރޮކޮޑާރޭ ޖެހި ގޯލުން މެޗު އެއްވަރުވިއެވެ.

އާސެނަލުން މޮޅުވި ގޯލް ޖެހީ 94 ވަނަ މިނެޓުގައެވެ. އެއީ ޔެރްސޮން މޮސްގޭރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އާސެނަލް މިވަގުތު އެއްވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓާއެކުގައެވެ. ހަތަރު ވަނައިގައި ޗެލްސީ 15 މެޗުން 30 ޕޮއިންޓާއެކު އޮތް އިރު، ލިވަޕޫލް ހަވަނައިގައި އޮތީ 16 މެޗުން 26 ޕޮއިންޓާއެކުގައެވެ.