ބޮޑުކަންނެލި މަސްވެރިން ކަނޑުމަތީގައި ކުރި މުޒާހަރާގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

މައުރޫފް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އޮތީ އަމުރެއް ނެރެފައެވެ. ނަމަވެސް މިރޭ ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލީ އެ ފަސް ދުވަސް ހަމަވުމުގެ ކުރިންނެވެ.

ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލި އިރު، އޭނާ ވަނީ މިއަދު އައިޖީއެމްއެޗުގައި ކުއްލި ސާޖަރީއެއް ކޮށްފައެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ސާޖަރީ ކުރަން ޖެހުނީ ފުލުހުންގެ ބަންދުގައި ހުއްޓައި މެންބަރު މައުރޫފަށް އަނިޔާކުރުމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މެންބަރު މައުރޫފް ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ޑޮކްޓަރަށް ދެއްކުމަށް އޭނާ އަމިއްލައަށް އެދިވަޑައިގަތުމުން، ކަސްޓޯޑިއަލްގައި އެ ވަގުތު އިންނެވި ޑޮކްޓަރު ބެއްލެވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު، ފުލުހުންގެ ކަސްޓޯޑިއަލް ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ މަތިން ކަމަށެވެ.

"ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގަޔާއި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ހިފަހައްޓަމުން އަންނަ ކަމަށެވެ.

އެގޮތުން، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ފުލުހުންގެ ހިދުމަތުން ބޮޑު ސަމާލުކަމެއްދޭ ކަމެއްއް ކަމަށްވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި ސައްހަ ނޫން މައުލޫމާތު ޝާއިއުކުރުމަކީ އާންމުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ. އެހެންވެ، ފުލުހުން ވަނީ ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ކުށްވެރިކޮށް އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.