ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް ރ. ދުވާފަރުގައި މިއަދު ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސެވެ.
އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ އާންމު ރައްޔިތުންގެ ދަތުރު ވަގުތުތަކަށް ވިސްނައިގެން ކަމަށެވެ.
އޭގެ ތެރޭގައި ސްކޫލުތަކާއި ބީޗް ސަރަހައްދާއި އިންޑސްޓްރިއަލް ޒޯން ސަރަހައްދުތަކާއި ހޮސްޕިޓަލާއި ފެރީ ޓާމިނަލްތަކަށް އެންމެ ފަސޭހައިން ދަތުރުކުރެވޭނެ މަގުތައް ތަރުތީބުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އާރުޓީއެލް ބަހުގެ ހިދުމަތް، ސްކޫލުތައް ހުޅުވާފައި އޮންނަ ދުވަސްތަކުގައި އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 6:00 އިން މެންދުރުފަހު 3:30 އަށް، ހޮނިހިރު ދުވަހާއި ސްކޫލުތައް ބަންދު ދުވަސްތަކުގައި މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ރަސްމީކޮށް އަގު ނަގައިގެން ހިދުމަތްދިނުމަށް ނިންމާފައިވީ ނަމަވެސް، އެ ހިދުމަތް ސްކޫލުތަކުގެ ދަރިވަރުންނަށާއި 65 އަހަރުންމަތީގެ ފަރާތްތަކަށް އަދި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
ބަހުގައި ދަތުރުކުރުމަށް މާސްޓާކާޑާއި ވިސާ ކާޑު ބޭނުންކޮށްގެން ކިއުއާރު ޓިކެޓުގެ ޒަރިއްޔާއިން ލިބޭނެ ކަމަށާއި ޓިކެޓް ގަތުމަށް ބޭނުންކުރާނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރުޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ކަމަށެވެ. އަދި ކިއުއާރު ޓިކެޓް ނަގާނެގޮތުގެ ވީޑިއޯ އެމްޓީސީސީގެ އާރުޓީއެލް ޗެނަލް އަދި މީސްމީޑިޔާގައި ޝާއިރުކޮށްފައިވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ އާރުޓީއެލް ދުވާފަރު ބަހުގެ ރޫޓް މެޕާއި ޝެޑިއުލް އާރުޓީއެލް ވެބްސައިޓް އަދި އެޕްގައި މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލައިލެވޭނެ ކަމަށެވެ. އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަ އިންތިޒާމެއް އެ ކުންފުނީގެ ހިދުމަތްތަކުގައި، އެ ހިދުމަތް ހޯދާ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު