ފުރާޅުން ޓިނުގަނޑެއް ކަފާލައިގެން ދެ ފިހާރައަކުން ވައްކަންކުރި މީހަކު 18 މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އއ. މަތިވެރި، އިރަމާގެ، އާދަމް ޝަރީފްގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ތިން ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް ކުރިއެވެ.

އެގޮތުން ވައްކަން ކުރުމަށް އެ ދެ ފިހާރައަށް ވަނުމަށްޓަކައި، އާބުރުޒު ހިނގުމުގައި ހުރި ވީފްރެޝް ފިހާރަ އާއި ބޮޑުތަކުރުފާނު މަގުގައި ހުރި ސަޕިއަ ފިހާރައިގެ ފުރާޅުގެ ޓިނު ކަފާލައި ސީލިންގް ހަލާކު ކޮށްލާފައިވާތީ ދައުލަތުން އޭނާގެ މައްޗަށް ކުރީ މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް އެ ދައުވާއަށް އާދަމް ޝަރީފް އިންކާރު ކުރިއެވެ. ނަމަވެސް ދިފާއީ ހެކިން ހުށަހެޅުމަށް ދިން ފުރުސަތުގައި ދިފާއުން ހެކިން ހުށަހަޅާފައެއް ނުވެއެވެ. އަދި ވަކީލަކު ހަމަޖަައްސާފައެއްވެސް ނުވެއެވެ.

އެހެންކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ހުށަހެޅި ނުވަ ހެކީގެ މައްޗަށް ބިނާކޮށް، މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި 22 ދުވަހާއި 12 ގަޑިއިރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.

ދެވަނަ ދައުވާއަކީ ފިހާރަ ބަންދުކޮށްފައި ވަނިކޮށް އެ ފިހާރައިގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި އެތަނަށް ވަދެފައިވާތީ، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާއަށްވެސް އޭނާ އިންކާރުކުރިއެވެ. ނަމަވެސް ވަކީލެއް ހަމަނުޖެއްސުމުގެ އިތުރުން ދިފާއީ ހެތްކެއްވެސް ހުށަހައެއް ނާޅައެވެ. އެހެންކަމުން ދައުލަތުން ހުށަހެޅި ފަސްް ޝަފައީ ހެެތްކަށް ބިނާކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ހަ މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ދައުލަތުން ކުރިއެވެ.

އެއީ އެއްރެއަކު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، އާބުރުޒު ހިނގުމުގައި ހުރި ވީފްރެޝް ފިހާރަ ތެރެއިން އަޑެއް އިވެން ފެށުމުން ފުލުހުން އެ ފިހާރަ ތެރެ ބަލަމުންދަނިކޮށް، ބަންދުކޮށްފައި ހުރި އެ ފިހާރަ ތެރޭގައި އާދަމް ޝަރީފް ހުރިތަން ފެނި އޭނާގެ އަމަލުތައް ހުރިގޮތުން، ވައްކަންކުރަން އެ ފިހާރައަށް ވަދެ އުޅޭ މީހެއްކަމަށް ތުހުމަތުކުރެވިގެން، ފިހާރައިގެ ވެރިފަރާތަށް އެންގުމަށްފަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ވީފްރެޝް ފިހާރައިން ގާތްގަނޑަކަށް 2000 ރުފިޔާ، ސަޕިއަ ފިހާރައިން 1600 ރުފިޔާ އާއި ޑޮލަރުތަކެއް ގެއްލިފައިވާ ކަަމަށް ފިހާރައިގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދިނެވެ. އެކަމާ ގުޅިގެން އާދަމް ޝަރީފް ބަލައި ފާސްކުރުމުން އޭނާގެ ޖީބުން 2570 ރުފިޔާ އާއި ޑޮލަރުތަކެއް ވަނީ ފެނިފައެވެ. އަދި އެ ތަކެތި އޭނާއަށް ލިބުނުގޮތް ސާބިތެއް ނުކޮށްދެވުނެެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށްކުރި، އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރުކުރިއެވެ. ނަމަވެސް އެ މައްސަލައިން ދިފާއުވުމަށް ދިފާއީ ހެކި ހުށަހެއް ނާޅައެވެ.

އެހެންކަމުން ދައުލަތުން ހުށަހެޅި 11 ޝަފަހީ ހެކީގެ މައްޗަށް ބިނާކޮށް އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާދަމް ޝަރީފްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 މަސްދުވަހާއި 14 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.