އާންމުންގެ ޝަކުވާއާ ހެދި ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް ނަގައިފިއެވެ.

ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އާ ސްޕީޑް ބްރޭކަރުތައް ހަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

އެޗްޑީސީން އޭރު ބުނެފައިވަނީ 30 އަށްވުރެ ގިނަ ސްޕީޑު ބްރޭކަރުތައް ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ހުޅުމާލެ ރައްކާތެރި ތަނަކަށް ހެދުން ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

ނަމަވެސް އެ ސްޕީޑް ބްރޭކަރުތަކުގެ ސަބަބުން އުނދަގޫވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ޝަކުވާ ކޮށްފައެވެ. އެގޮތުން އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މަޑުން ދިޔަ ނަމަވެސް އެ ސްޕީޑް ބްރޭކަރު މަތިން ފޭބިޔަސް އުނަގަނޑަށް ތަދުވާ ކަމުގެ ޝަކުވާއެވެ.

އެ ޝަކުވާތަކާ އެކު އެޗްޑީސީން ރޭ ވަނީ ހުޅުމާލޭގައި އަލަށް ހަރުކުރި ހުރިހާ ސްޕީޑް ބްރޭކަރުތަކެއް ނަގައިފައެވެ.

ނަމަވެސް އެ ސްޕީޑް ބްރޭކަރުތައް ނެގި ސަބަބެއް ރަސްމީކޮށް އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.