ދެމެހެއްޓެނިވި ޓައުންޝިޕްތަކެއް ތަރައްގީކުރެވޭ ގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނ. އަތޮޅުގައި ޓައުންޝިޕް ހެދުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދީފައިވާ ކަމަށެވެ.

ބާސެލޯނާ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ކުންފުންޏަށް ދީފައިވާ ހުއްދަ ހަވާލުކޮށްފައެވެ. ހުއްދަ، އެ ކުންފުންޏާ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިން އަދި ކްރިސްޓަލް ހޮލްޑިން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2028 ގެ ކުރިން އޮޕަރޭޝަނަށް ގެނައުމުގެ އެއްބަސްވުމަކާއެކު އެ މަޝްރޫއަށް އެ ކުންފުނިން 790 މިލިއަން ޑޮލަރު މަޝްރޫއަށް އިންވެސްޓްކުރާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ހޮސްޕިޓަލަކާއި ޒަމާނީ ތައުލީމު ލިބިދޭ ފެންވަރުގެ މަރުކަޒުތަކެއް ހަދާނެއެވެ. ޓައުންޝިޕްގައި ހަދާ އެ ތަންތަނުގައި 60 ޕަސަންޓް ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ވެގެންދާނެއެވެ.

އެ މަޝްރޫއު ކުރިއަށްގެންދަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓައުންޝިޕްތަކެއް ތަރައްގީ ކުރެވޭގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

ރާއްޖޭގެ ސިނާއީ، އިގުތިސޯދީ، އިޖުތިމާއީ، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމާއި، ރާއްޖެއަށް އަންނަ އިންވެސްޓްމަންޓުތައް އިތުރުކޮށް، ބޭރު ފައިސާ ލިބޭ މިންވަރު މަތިކުރުމުގެ އިތުރުން އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެއަށް ނަގުލުކުރުން، މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި، ގާނޫނުގެ ނުވަވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ ފަހަތަށް އާ މާއްދާއެއް އިތުރުކުރުމާއި، 20 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމާއި 70 ވަނަ މާއްދާގެ ފަހަތަށް ބާބެއް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރާއި 12 ވަނަ ނަންބަރު އިސްލާހު ކުރުން ހިމެނެއެވެ.

ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ ހާއްސަ ޝަރުތުތައް:

  • ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމެންޓަކަށްވުން
  • ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން
  • ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޒޯނުގައި ގާއިމުކުރުން
  • ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނު ދޭ މަރުކަޒެއް ޒޯނުގައި ގާއިމުކުރުން
  • ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުން
  • ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށް ވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ވުން
  • ދިވެހިރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތި މަދުކޮށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުން
  • ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން

ޒޯނުގައި ހިމެނޭ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީ ނެގޭ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ނެގޭނެ ހާއްސަ ރޭޓްތަކެއްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ޓައުންޝިޕްތައް ތަރައްގީކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއްގެ ގޮތުގައި ޓެކްސްގެ ބޮޑެތި ލުއިތަކެއް ދިނުމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްތައް ދައްކަން ނުޖެހުމާއި، ޒޯން ތަރައްގީކުރަން އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ އިސްތިސްނާ ކުރުން ހިމެނެއެވެ.