ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ރެއާލް މެޑްރިޑުން މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދި އިރު، އާސެނަލުން މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
ސިޓީން ރޭ ރެއާލް ދަނޑުގައި މޮޅުވީ 2-1 އިންނެވެ. ރޭގެ މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ހިތްވަރެއް ފެނުނު ނަމަވެސް، އެ ނަތީޖާއާއެކު ކޯޗު ޒަބީ އެލޯންސޯއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.
އެލޯންސޯ މި ސީޒަނަށް ރެއާލާ ހަވާލުވެފައިވާ އިރު، އެންމެ ހަ މަހަށްފަހު އޭނާގެ ވަޒީފާ ގެއްލެން ކައިރިވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ރެއާލުން ލީގުގެ ދެވަނައިގައި އޮތް އިރު، ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އެޓީމު އޮތީ ހަތްވަނައިގައެވެ.
މެޗުގެ ކުރިން ގިނަ ނޫސްތަކަކުން ބުނީ ސިޓީ ކައިރިން ބަލިވެއްޖެ ހާލަތެއްގައި ރެއާލުން ކޯޗު އެލޯންސޯ ފޮނުވާލާނެ ކަމަށެވެ. އެހެން ނަމަވެސް އަދި އެ ނިންމުން ނިންމާފައެއް ނުވެއެވެ.
އަނިޔާގައި ހުރި ކިލިއަން އެމްބާޕޭއާ ނުލައި މެޗަށް ނުކުތް ރެއާލުން ރަނގަޅަށް މެޗު ފަށައި، ލީޑުވެސް ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ ރޮޑްރީގޯއެވެ. ރޭގެ މެޗުގައި ރޮޑްރީގޯ ގޯލް ޖެހީ، 32 މެޗަށްފަހުއެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގައި ސިޓީން އެ ނަތީޖާ އަނބުރާލިއެވެ. ސިޓީން ޖެހި ފުރަތަމަ ގޯލަކީ، ޖޮސްކޯ ގްވާޑިއޯލް ޖެހި ބޯޅައެއް، ތީބޯ ކޯޓުއާ އަތު ތެރެއިން ވެއްޓުމުން ނިކޯ އޮރައިލީ ޖެހި ގޯލެކެވެ.
އޭގެ އިރުކޮޅެއްފަހުން 43 ވަނަ މިނެޓުގައި އާލިން ހާލަންޑްގެ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، އޭނާ ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު 54 މެޗުން 55 ގޯލް ޖަހައިފައެވެ. އޭގެ އިތުރުން ހާލަންޑް ވަނީ އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގައިވެސް ގޯލް ޖަހައިފައެވެ.
ލީގު ބުރުގެ ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑު ދަމަހައްޓަމުން އަންނަ އާސެނަލުން ރޭ ވަނީ ކްލަބު ބްރޫޖް ކައިރިން 3-0 އިން މޮޅުވެ، އެއްވަނަ ދަމަހައްޓައިފައެވެ.
އާސެނަލަށް ގޯލްތައް ޖަހައިދިނީ ނޮނީ މަޑުއޭކޭއާއި ގެބްރިއަލް މާޓިނެލީއެވެ. މަޑުއޭކޭ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު، ޕީއެސްޖީން ވަނީ އެތުލެޓިކް ކްލަބު ކައިރިން ގޯލެއް ނުޖެހި އެއްވަރުވެފައެވެ. ޔުވެންޓަސްއިން ޕަފޯސް އެފްސީ ކައިރިން 2-0 އިން އެއްވަރުވި އިރު، ބެންފިކާއިން ވަނީ 2-0 އިން ނަޕޯލީ ބަލިކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު