މާލެއިން އދ. މަހިބަދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފިއެވެ.
މ މައްސަލައިގައި މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް އިއްވީ ސ. ހިތަދޫ ލެވީނިއާ މުހައްމަދު ޒުނާމް ނަޖުމީ އަށެވެ.
މި މައްސަލައަކީ މާލެއިން އދ. މަހިބަދުއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށާއި މަހިބަދޫ އުތުރު ބަނދަރު ސަރަހައްދުގައި އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށު އުތުރު ބަނދަރު ސަރަހައްދުން ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާގެ ކޮނޑުގައި އަޅުވާފައިއޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
ޝަރިއަތުގެ މަޖިލީހުގައި ފުރަތަމަ ދުވަސްކޮޅު އެ ދައުވާއަށް އިންކާރު ކުރި ނަމަވެސް، ފަހުން އެ މައްސަލައަށް އިއުތިރާފްވެ ޕްރޮސިކިއުޓާ ޖެެނެރަލްއާއެކު އޭނާ އިއުތިރާފްގެ އެއްބަސްވުމެއް ހެދިއެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ އެ ދައުވާއަށް އިއުތިރާފްވިއެވެ.
އެހެންކަމުން އިއުތިރާފްގެ އެއްބަސްވުމަށް ބަލައި މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އޭނާގެ މައްޗަށް ހުކުމް ކުރީ 12 އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު