45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުރިޔަށްގެންދާ "މަސްވެރިންގެ ގުންޒަރު" ރ. ދުވާފަރުގައި ފަށައިފިއެވެ.

މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގުސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އެ ސިނާއަތާ ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

އެ ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރާނެ ކަމަށާއި އެ ފޯރަމް މާދަމާވެސް ކުރިޔަށްގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ ބުންޏެވެ.

10 ޑިސެމްބަރު 2025: 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް "މަސްވެރިންގެ ގުންޒަރު" ދުވާފަރުގައި --- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

އެ ފޯރަމްގައި ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ޢޭގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން ހިމެނޭހެން އެ ފޯރަމްގައި ނުވަ އަތޮޅަކުން 47 މަސްވެރިންނާއި ހަތަރު މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވެއެވެ.

"މިއަދު ހެނދުނު ފެށި މަސްވެރިންގެ ފޯރަމްގައި މަސްވެރިން ވަނީ އެމީހުންނަށް ހުރި ދަތިތަކާއި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް އެ މިނިސްޓްރީން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.