ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަަގަކުރީ ރ. ދުވާފަރުގައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން އިންތިޒާމުކޮށްގެން ދުވާފަރުގައި އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތުގައި، އެމްޑަބްލިޔުއެސްސީން ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވި ކަމަށެވެ.

މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން، "އެމްޑަބްލިޔުއެސްސީ މަސް ރޭސް" ގެ ޓައިޓަލް ސްޕޮންސަރުގެ އިތުރުން "މަސްވެރި ހަވީރު" ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެ ކުންފުނިން ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންގެންދިޔައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ހަރަކާތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެ، 'މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ޒުވާނުންގެ ބައިވެރިވުން' އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ކަަމަށެވެ.

12 ޑިސެމްބަރު 2025: ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީ --- ފޮޓޯ/އެމްޑަބްލިޔުއެސްސީ

އޭގެ އިތުރުން އެމްޑަބްލިޔުއެސްސީ މަސް ރޭސް، މަސްވެރި ހަވީރު، އަދި ކެމްޕޭނެއްވެސް ކުރިއަށްގެންދިޔަ ކަމަށާއި އެ ކެމްޕޭނުގެ މަގުސަދަކީ، އެމްޑަބްލިޔުއެސްސީން ދުވާފަރުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، އެ ރަށުގައި އުފައްދާ އައިސް އަދި ތާޒާ ފެނާ މެދު ރައްޔިތުން ދެކޭ ގޮތާއި ހިޔާލުތައް ދެނެގަނެ، އެ ހިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެގޮތުން، ދުވާފަރާއި ކައިރި އަތޮޅުތަކަށް އަމާޒުކޮށް ވައިބާ ކޮމިއުނިޓީ ގްރޫޕެއް ތައާރަފުކޮށް، އެ ގްރޫޕް މެދުވެރިކޮށް އެމްޑަބްލިޔުއެސްސީން ދުވާފަރާއި އަތޮޅުތެރޭގައި ދެމުންގެންދާ ހިދުމަތްތަކުގެ އިތުރު މައުލޫމާތާއި ކުރިއަށްގެންދެވޭ ޕްރޮމޯޝަންތަކުގެ ތަފްސީލުތައް ހިއްސާ ކުރި ކަމަށެވެ.

އެ ހަރަކާތްތަކުން ދުވާފަރާއި ކައިރި ރަށްރަށާއި އަތޮޅުތަކުގެ މަސްވެރިން އަދި ވިޔަފާރިވެރިންނަށް އެމްޑަބްލިޔުއެސްސީގެ އައިސް އަދި ތާޒާ ފެން ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުތައް މަގުފަހިވެގެންދިޔަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދުވާފަރަކީ، އެމްޑަބްލިޔުއެސްސީގެ އިންޓާގްރޭޓަޑް ޔުޓިލިޓީގެ ދަށުން، ފެނާއި ނަރުދަމާ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ކަރަންޓުގެ ހިދުމަތާއި ކުނި މެނޭޖުކުރުމުގެ ހިދުމަތްވެސް އެ ކުންފުނީގެ ބެލުމުގެ ދަށުން ފޯރުކޮށްދެމުން ގެންދާ ރަށެކެވެ. އޭގެ އިތުރުން އެ ރަށުގައި އެމްޑަބްލިޔުއެސްސީގެ ތަޒާ ފެނާއި އައިސް އުފައްދާ ކާރުހާނާއެއްވެސް ހުރެއެވެ.