ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ އިދާރާގެ އެތިކްސްއާ ހިލާފުވެފައިވާކަމުގެ މައްސަލައެއް، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެއާސްކެއާއިން ހުށަހަޅައިފިއެވެ.

ހައްގުތަކަށް މަސައްކަތް ކުރާ ފެއާސްކެއާއިން ފީފާގެ އެތިކްސް ކޮމިޓީއަށް ހުށަހެޅި މައްސަލައަކީ މިދިޔަ ހަފުތާގައި ކުރިއަށް ގެންދިޔަ ވޯލްޑް ކަޕް 2026 ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ.

އެ ރަސްމިއްޔާތަށް އެތައް ގޮތަކުން ފާޑުކިޔުން އަމާޒުވެފައިވާ އިރު، ފީފާއިން ވަނީ ފުރަތަމަ ފަހަރަށް ޕީސް ޕްރައިޒްވެސް ދީފައެވެ. އަލަށް ދޭން ފެށި ފީފާގެ ސުލްހައިގެ އިނާމެއް ކަމަށްވާ ޕީސް ޕްރައިޒް ފުރަތަމަ ފަހަރަށް ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތު ޓްރަމްޕަށް ވަރަށް ބޮޑަށް ބައްޓަން ކޮށްފައިވާ އިރު، އެެމެރިކާގެ ވޮޝިންޓަނުގައި ބޭއްވި އެ އިވެންޓްގައި ހުށަހެޅުންތައް ފެނިގެން ދިޔައީވެސް ޓްރަމްޕަށް ހާއްސަ ކޮށްގެންނެވެ. އެކަމާ ހެދި، ބައެއް ފަރާތްތަކުން ގުރު ސިޔާސީ ވީކަމަށް ބުނެ ފާޑު ކިޔާފައިވެއެވެ.

ފުޓުބޯޅައާއި ވޯލްޑް ކަޕަކީވެސް ސިޔާސީ ކަންކަމުން ބޭރުގައި ހިންގަން ޖެހޭ ކަމެއް ކަމަށް ފީފާގެ އެތިކަލް ކޯޑުގައި ބުނެފައިވާ އިރު، ފެއާސްކެއާއިން ހުށަހެޅި މައްސަލައަކީ އަށް ގަނޑުގެ ސިޓީއެކެވެ.

ފެއާސްކެއާއިން ބުނީ ފީފާއިން ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތު ސިޔާސީވެ، އޭގެ ސަބަބުން ސިޔާސީ ދެބަސްވުންތައް އުފެދުމަށް ޖާގަ ލިބިގެން ދިޔަ ކަމަށެވެ. އަދި ފީފާއިން ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރަން އޮތް އޮތުމާ އިންފަންޓީނޯ ހިލާފުވެފައިވާ ކަމަށް ފެއާސްކެއާގެ މައްސަލައިގައި ބުނެފައިވެއެވެ.

ފީފާގެ އުސޫލުތައް ބުނާ ގޮތުން، ފެއާސްކެއާގެ އެ މައްސަލަ އެތިކްސް ކޮމިޓީއަށް ބެލޭނެއެވެ.