ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް 76 ޕަސެންޓު ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެެވެ.

އެމްޓީސީސީން މިއަދު ބުނީ މާއުނގޫދޫ ބަނދަރު މަސައްކަތުގެ ދަށުން ރިވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މިހާރު އެ މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަަ އަހަރުގެ މެއި މަހުގައެވެ. އެއީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން.
  • 3,245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
  • 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން.
  • 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން.
  • 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
  • 1،509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުންރޭމްޕެއް ހެދުން.
  • ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން.