ރަށްރަށުގައި ކުރިއަށްދާ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް މި އަހަރާއި މި އަންނަ އަހަރު ނިމިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މާއުނގޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރަށްރަށުގެ ރައްޔިތުން ބޭނުންވި ގޮތަށް ސަރުކާރުން އަންނަނީ އެ ރަށެއްގައި މަޝްރޫއުތަކުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެކަންކަން އެއްވެސް ދަތިކަމެއްނެތި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ އަހަރުގެ ތެރޭގައި ބޮޑަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހުނީ މިއަހަރުގެ މި ހިސާބަށް މިކަންކަން އަމަލީ ގޮތުން ފެށޭނެ ގޮތަށް ރާއްޖޭގެ އިގްތިސޯދީ ހާލަތުގައި ހުރި މައްސަލަތައް ހައްލުކުރެވި، ރާއްޖޭގެ ދަރަނިތައް ދެއްކޭނެ ގޮތްގޮތް ހަމަޖައްސައި މި ހުރިހާ ކަމެއް ތަރުތީބުކޮށްގެން، އަޅުގަނޑު ވެފަ ހުރި ވައުދުތައް ރަށްރަށުގަ ކުރިއަށް ގެންދެވޭނެ ހިސާބަށް ގެންދަން. އެ ހިސާބަށް މިހާރު އާދެވި މަސައްކަތްތައް މި ފެށުނީ. މަސައްކަތްތައް މިއަހަރާއި މިއަންނަ އަހަރުގެ ތެރޭގައި ހަމަ ބޮޑުބައި ކުރިއަށް ގޮސް ނިމެމުންދާނެ" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މި އަހަރާއި މިއަންނަ އަހަރު ވެގެންދާނީ އެ މަނިކުފާނު ރައްޔިތުންނަށްވެވަޑައިގެންނެވި ވައުދުތައް ފުއްދިގެންދާ އަހަރަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު މޫސުން ގޯސްވުމުގެ ސަބަބުން މާއުނގޫދޫގެ ތަރައްގީއަށް ބޭނުންވާ ހަ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރަށުގެ ރައްޔިތުން ބޭނުންވި ގޮތަށް ނުބޭއްވުނު ނަމަވެސް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެ މަޝްރޫއުތަކުގެ ތެރޭގައި ރަށުގެ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އެޅުމާއި، ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުން އަދި ސްކޫލުގެ ހަތަރު ބުރީގެ އިމާރާތް ހެދުމުގެ މަސައްކަތް ފެށުމުގެ އިތުރުން ގުރުއާނާބެހޭ މަރުކަޒުގެ ގޮފީގެ އަމަލީ މަސައްކަތް ފެށުން ހިމެނެއެވެ. ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެށުން ވެސް ހިމެނެއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުތަކަކީ ކުރިއަށް ގެންދިއުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ގޮތަށް ކަންކަން ތަރުތީބު ކޮށްފައިވާ މަޝްރޫއުތަކެއް ކަމަށެވެ.

ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާތީ، އެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއުގެ މަސައްކަތް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީއާ) ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑަބްލިޔުއެސްސީން އެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކަމަށްވާތީ، މަގު ހެދުމުގެ މަސައްކަތް ފަށަން ތާވަލުކޮށްފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާއިރު އެ މަޝްރޫއުގެ ތެރެއިން މޫދަށް އެރޭނެ ސަރަހައްދެއް އެމްޓީސީސީން ހަދާނެ ކަމަށެވެ.

ފުޓްބޯޅަ ދަނޑުގެ ތަރައްގީކުރުމުގެ މަސައްކަތް މިމަހު ބަޔަކާ ހަވާލުކޮށް މި އަހަރުގެ ތެރޭގައި އެކަމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަންނަ އަހަރު ރަށުގައި އާ މިސްކިތެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.