ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުން މުހައްމަދު ނިޔާޒު، ރިޓަޔާކުރައްވައިފިއެވެ.
ހައިކޯޓުގެ އެންމެ ގިނަ ދުވަސްވީ އެއް ފަނޑިޔާރު ކަމަށްވާ ނިޔާޒު، ރިޓަޔާކުރައްވާފައިވަނީ މިއަދެވެ. ފަނޑިޔާރުކަމުން ރިޓަޔާވުމަށް ނިޔާޒު ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ނިޔާޒު ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމުންވެސް އިސްތިއުފާ ދެއްވައިފައެވެ.
ނިޔާޒު މަގާމުން ރިޓަޔާވުމަށް ހުށަހެޅުއްވި އިރު، އޭނާއާ ގުޅޭ ފަސް ސުލޫކީ މައްސަލައެއް ޖޭއެސްސީން ދިޔައީ ބަލަމުންނެވެ.
ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ނިޔާޒު ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ނިޔާޒު ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމު އަދާކުރައްވައިފައެވެ. އަދި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އެސިސްޓެންޓުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.
ޖޭއެސްސީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އުފައްދާއިވާ، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބު ކުރެވުނު ފަނޑިޔާރަކީވެސް ނިޔާޒެވެ.
މީގެ އިތުރުން 2022 މެއި 11 ވަނަ ދުވަހުން ފެށިގެން، ޖޭއެސްސީގައި ހައިކޯޓުން އިންތިހާބު ކުރި ފަނޑިޔާރުގެ ގޮތުގައި މިދިޔަ މަހުގެ މެދެއްހާ ހިސާބަށް ހުންނެވީ ނިޔާޒެވެ. އޭނާ، ޖޭއެސްސީގެ ނާއިބު ރައީސްކަން ކުރެއްވީ 2024 މާރިޗު 20 ވަނަ ދުވަހުން ފެށިގެން، 22 އޮކްޓޫބަރު 2025 އަށެވެ.
ނިޔާޒް، އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނީ، 30 ސެޕްޓެމްބަރު 2002 ގައެވެ. އެއީ ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު