ނ. އަތޮޅުގެ ރަށްތަކެއް ފަތުރުވެރިކަަމަށް ދޫކުރަން ނިންމި މައްސަލައިގައި ނ. އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށް ކުރި ދައުވާ ބާތިލުކޮށްފިއެވެ.
އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރީ، އެ އަތޮޅު ކެނދިވަރާއި ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްބުނެ އެ ނިންމުން ހުއްޓުވުމަށެވެ.
އެ ދައުވާގައި އަތޮޅު ކައުންސިލުން ބުނެފައިވަނީ އެ ދެ ރަށް ދިގު މުއްދަތަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ނިންމުމަކީ ގާނޫނާހިލާފަށް އަދި ގާނޫނުގެ މަގުސަދު ހާސިލު ނުވާނެގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ކޯޓުގައި މި މައްސަލަ ކުރިއަށްގެންދަން ނިންމާފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީނު ނިންމެވި މި މައްސަލައިގެ ނިންމުގައި ބުނެފައިވަނީ އަވަސް ނިޔާގެ މައްސަލައަކަށްވާތީ، މި މައްސަލައިގައި އޮންނާނީ އެންމެ އަޑުއެހުމެއް ކަމަށެވެ. އެއީ ޝަރީއަތުގެ ފަހު އަޑުއެހުން ކަމަށާއި، އެ އަޑުއެހުމުގައި ހަސްމުން ހިއްސާކުރަންޖެހޭ ކަންކަން ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް، ދައުވާ ލިބޭ ފަރާތުން އައްޔަންކޮށްފައިވާ ފަރާތް، ހާޒިރުވާން ކޯޓުން ކުރި އަމުރާ އެއްގޮތަށް 14 އޮކްޓޫބަރު 2024 ގައި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެެފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ސިވިލްކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނަނީ، އަމިއްލަ ބާރު ނުފޯރާ، ކޯޓަށް ބަލައި ގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް އަމުރުގައިވާ ތާރީހާއި ގަޑިއަށް ދައުވާކުރާ ފަރަތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ ދައުވާ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން މައްސަލައިގެ އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުނުވާނަމަ މައްސަަލަ ބާތިލުކުރުމަކީ ކޯޓަށް އޮންނަ އިހުތިޔާރެކެވެ. މި އިހުތިޔާރު ބޭނުން ނުކުރާނަމަ މައްސަލަ ކުރިއަށްގެންދަން ޖެހޭނެއެވެ.
އެކަން އެހެން އޮތް އިރު، މި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މިމަހުގެ ތިންވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް، އެ ދުވަހު ކޯޓުގެ އިންޓަނެޓް މައްސަލައެއް އުޅޭތީ އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެހެންކަމުން މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން އިއްޔެއަށް ތާވަލުކުރިއެވެ.
ނަމަވެސް ވީޑިއޯ ކޮންފަރެންސްްގައި ބައިވެރިވުމަށް، ދައުވާކުރާ ފަރާތް ތަމްސީލުކުރާ ފަރާތަށް އަންގައި ކޯޓުން ކޮށްފައިވާ އަމުރާ އެއްގޮތަށް، ދައުވާކުރާ ފަރާތުން އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެއެވެ.
ނަމަވެސް އަޑުއެހުމުގެ ވަގުތު ވަރަށް ކައިރިވެފައިވަނިކޮށް، ދައުވާކުރާ ފަރާތް ތަމްސީލުކުރަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި، އެކަމަށް އާ ވަކީލުން ހޯދާފައިވާކަމަށް ދައުވާ ކުރި ފަރާތް ކޯޓުގައި ތަމްސީލުކުރަން އައްޔަންކުރި ފަރާތުން ކޯޓަށް އެންގި ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ދައުވާކުރާ ފަރާތް ތަމްސީލުކުރަން އިތުރު ވަކީލަކު ކޯޓަށް ހުށަހަޅާފައިނުވާ ކަމަށްވެސް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
މަދަނީ އިޖުރައަތުގެ ގަވާއިދުގައި ބުނަނީ އެކަށީގެންވާ ސަބަބެއްނެތި އަދި އެކަށީގެންވާ މުއްދަތެއްގެ ނޯޓިހެއް ދިނުމަކާނުލައި މައްސަލައިން ތަނާޒުލުވެގެން ނުވާނެ ކަމަށެވެ. އަދި ތަނާޒުލުވާން ޖެހިއްޖެނަމަ އެ އަޑުއެހުމެއް ބޭއްވުމުގެ 24 ގަޑިއިރުކުރިން ތަނާޒުލުވުމުގެ ނޯޓިސް ހަސްމަށާއި ކޯޓަށް ފޮނުވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، މި ދައުވާ ކުރާ ފަރާތް ތަމްސީލުކުރާ ފަރާތް މި މައްސަލައިން ތަނާޒުލުވުމަށް ހުށަހަޅާފައިވަނީ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ނުވުމާއި، މި މައްސަލައިގެ އަޑުއެހުމުގައި ދައުވާކުރާ ފަރާތް ތަމްސީލުކުރަން އިތުރު މީހަކު ބައިވެރިވެފައިނުވުމާއި، ސިވިލްކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގައިވާ ފަދަ، އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއްވެސް ނެތް ކަމަށް މި މައްސަލައިގައި ކޯޓުން ވަނީ ނިންމައިފައެވެެ.
އެހެންކަމުން ނ. އަތޮޅު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށްކުރާ ދައުވާގައި، ދައުވާކުރާ ފަރާތުން ބައިވެރިވެފައިނުވާތީ، މި މައްސަލައިގައި ސިވިލްކޯޓުން މިއަދު ހުކުމްކޮށްފައިވަނީ، މައްސަލަ ބާތިލު ކުރި ކަމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް