ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ފައިސާތަކަކާ އެކު އަތުލައިގަތް މީހަކު 12 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގ. މައްސާގުގޭ ހުސައިން ޝާހްގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ ސެޕްޓެމްބަރު، 2020 ގައި އޭނާ ދިރިއުޅޭ ގެއިންނާއި ގުޅުންހުރި އެހެން ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ކިރަން ބޭނުން ކުރާ ސާމާނާއި ފައިސާ ފެނިފައިވާތީއެވެ. އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ޖުމްލަ 2.5 ކިލޯގެ ކެނެބިސް ފެނިފައިވެއެވެ.

އެ މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާ ފުރަތަމަ އިންކާރު ކުރި ނަމަވެސް ފަހުން ދައުވާއަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިއެވެ. އެ ދައުވާއަކީ، 25 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާއެއް ނަމަވެސް އިއުތިރާފުގެ އެއްބަސްވުމާއެކު 12 އަހަރު ދުވަހުގެ ޖަލު އަދަބަށް ވަނީ ލުއި ލިބިފައެވެ.

އެހެންކަމުން 12 އަހަރާއި ހަ މަހަށް ޖަލަށްލުމާ އެކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ޑްރަގާއެކު އަތުލައިގަތް 61.230 ރުފިޔާ ދައުލަތަށް ނަގަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.