އެމްޑީޕީއަށް ކައުންސިލް އިންތިހާބު ނަގައިދޭން އެ މަނިކުފާނުގެ ފުރިހަމަ އެއްބާރުުން ލިބޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރަށް (ގަޕޯއަށް) މަރުހަބާ ވިދާޅުވެ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ޕާޓީގެ ޔުނިޓީ އޮބަހައްޓައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބީއަށް ވާސިލްވާން ކުރަން ޖެހޭ މަސައްކަތްތަކުގައި އެ މަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމަށެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް ގަޕޯ އިންތިހާބުކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 ވޯޓާއެކުއެވެ. އެ މަގާމަށް އިންތިހާބުވުމާއެކު ގަޕޯ ވަނީ ބައްދަލުވުމުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފައެވެ.

މިދިޔަ މަހުގެ 28 ގެ ރޭ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަމަށެވެ. ނަމަވެސް ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ވަހީދު އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެގެން ފަހުން ވަނީ ނިންމާލައިފައެވެ.

އެ ބައްދަލުވުން ހޫނުވީ، އެ މަގާމަށް ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާ އިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާއެކުއެވެ. ނަމަވެސް ފަހުން އެމްޑީޕީން ވަނީ ވަހީދަށް 48 ވޯޓު ލިބިފައިވާ ކަމަށާއި ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބު ވެފައިވާ ކަމަށް ނިންމައިފައެވެ.

އެ މަގާމަށް އިންތިހާބުވެއްޖެ ކަމަށް އެމްޑީޕީން ނިންމި ނަމަވެސް، އެ މަގާމު ދޫކޮށްލަން ވަހީދު ފަހުން ނިންމިއެވެ.