މާލޭ ސަރަހައްދަށް ދިމާވެފައިވާ ވެހިކަލް ޕާކިން މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުމާލެއިން 1،964 އުޅަނދު ޕާކު ކުރެވޭނެ ވަގުތީ ސަރަހައްދުތަކެއް ކަނޑައަޅައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ އެ ޖާގަތައް ކަނޑައަޅާފައިވަނީ އެޗްޑީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީން ގުޅިގެން މާލެ ސަރަހައްދު ޕާކިންއަށް ހައްލު ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅު ކުރުމާއި، އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަކީ އެ ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުންކަމަށް އެޗްޑީސީން ބުންޏެވެ.
"މާލޭގައި ޕާކިންގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލެއިން މިފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިންތަކެއް ހެދުމުގެ މަސައްކަތް މި ކޯޕަރޭޝަނުން އަންނަނީ ކުރަމުން،" އެޗްޑީސީން ބުންޏެވެ.
ވަގުތީ ޕާކިން ސަރަހައްދުތަކާއި އެ ތަންތަނުން ލިބޭ ޖާގަތައް
- މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދުން - 115 ޖާގަ
- ގާޒީ ސްކޫލު ސަރަހައްދުން - 254 ޖާގަ
- ހިޔާ ޓަވަރު-16 ސަރަހައްދުން - 1233 ޖާގަ
- ވިނަރެސް ސަރަހައްދުން - 362 ޖާގަ
އެޗްޑީސީން ބުނީ ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.
އަދި މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޕާކިން މައްސަލަތައް
ޕާކިން މައްސަލަތައް
ޕާކިން މައްސަލަތައް