މާލޭގައި މަލްޓި ސްޓޯރީ ދެ ޕާކިން ބިލްޑިން އިމާރާތްކުރުމަށްތަކައި ހީނާމާގެ ބިމާއި ސޯސަންކަމުގައި ހުންނަ އެމްއެންޔޫއާ ޖެހިގެން އޮތް ހުސްބިން ވަރަށް އަވަހަށް ހަވާލުކުރެވޭނެ ކަަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަަމަލުކުރަން ފަށާއިރު ހަމަޖައްސަން ޖެހޭ ކަންތައްތަކާ ބެހޭ މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެ އާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ހަތް ޕާކިން ބިލްޑިން ތަރައްގީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެއެވެ.
މިއަދުގެ ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ގްރޭޓާ މާލެ ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާ ޕާކިން އިމާރާތްތަކުގެ ތެރެއިން މަލްޓި ސްޓޯރީ ދެ ޕާކިން ބިލްޑިންގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
"ހީނާމާގެ ބިމުގައި ޒަމާނީ ޕާކިން ވަސީލަތެއް ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަނީ ބަޔަކު އައިޑެންޓިފައި ކުރެވިފައި. އެފަރާތާއެކު ވާހަކަ ދެއްކެވުމުގައި މިހާރު އެދަނީ. ކުރިއަށްއޮތް ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވި މަސައްކަތާ ދިމާލަށް އެނބުރެވޭނެކަަމަށް މި ބަލަނީ،"
އޭގެ އިތުރުން ދެވަނަ ބިމަކަށް ސޯސަންމަގުގައި ހުންނަ އެމްއެންޔޫއާ ޖެހިގެން އޮތް ބިމުގައި ޕާކިން ބިލްޑިންގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަަމަށްވެސް ވިދާޅުވިއެވެ.
"އަންނަ އަހަރުގެ ނޮވެމްބަރަށް ޑެޑްލައިންއެއް ދެއްވާފައި އޮތީ އެތަން ނިންމަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ އެތަންތަނުގައި ޕާކު ކުރުމަށް ރައްޔިތުންނަށް ތަކުލީފަކަށް ނުވާވަރުގެ، ވަރަށް ދަށް ފީތަކެއް ހަމަޖެއްސުމަށް ކަމަށެވެ.
އިބްރާހިމް ޒަކީ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް