ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގި އިރު ހުރީ ހަމައިގައި ނޫން ކަމަށާއި ހަމައިގައި ނެތީ އެތައް ދުވަހަކު ނުނިދާ ހުރުމުން ކަމަށް އެ މައްސަލައިގައި ތުހުމަތަށް ހައްޔަރުކޮށްފައިވާ ފުލުސް މީހާ ބުނެފިއެވެ.
ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާއަކީ ސ. ހިތަދޫ / އަސަރީވިލާ، އަލީ މަނިކު (43އ) އެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ މަނިކު ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަލީ މަނިކުގެ މައްޗަށް ޖިނާއީ ކުށެއް ތުހުމަތުވާތީ އޭނާ ހައްޔަރުކުރުމާ ގުޅިގެން ވަނީ މިދިޔަ ހޮނިހުރު ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރި ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން އިއްޔެވަނީ އެ ފުލުހުސް މީހާ ބަންދު އިތުރުކުރުމަށް ކޯޓަށް ހާޒިރުކޮށްފައެވެ.
ފުލުހުން، އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ ސެލޫނަށް ދިޔައިރު ހުރީ އެތައް ދުވަހެއް ވަންދެން ނުނިދާ ކަމަށާއި އެހެންވެ ހުރީ ހަމައިގައި ނޫން ކަމަށެވެ. އެ ސެލޫނަކީ އޭނާ އާންމުކޮށް ގޮސް އުޅޭ ސެލޫނެއް ކަމަށެވެ.
މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.
ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް