ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވެފައިވަނީ، އެމީހަކު ބޭނުންވެއްޖެ ނަމަ، ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތެއް އޮތްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ކޮށްދިނުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ފެށިފައިވާނެ ކަމަށެވެ. އަދި އިތުރަށް ކަންކަން ފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް. އެ ހާއްސަ ހާލަތްތައް ބަޔާންކުރެވޭނެ. އެހެންވީމާ މިހާރަށްވުރެ ގިނަ ފުރުސަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އެބަ ހުށަހަޅަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމުން ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުން އިތުރަށް ފުޅާކޮށްދެވޭނެ ކަމަށާއި އޭގެން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.