ވައުދާ ހިލާފުވެވަޑައިގެންފައިނުވާނެ ކަމަށާއި ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާނީ އަވަހަށް ގޯތި ދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދީފައިވަނީ ލޭންޑްޔޫސް ޕްލޭން ނަހަދައި ކަމަށާއި ގޯތި ދީފައިވަނީ މަގަކަށް، ސްކޫލަކަށް، ހޮސްޕިޓަލަކަށް އަދި އެހެން އެއްވެސް ތަނަކަށް ބެލުމެއް ނެތި ކަމަށެވެ. އަދި މޫދާއެކު މުޅި ތަނުން ދީފައިވަނީ ގޯތި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގިރާވަރުފަޅު އެއްކޮށް ހިއްކިޔަސް، އެތަނުން ގޯތި ހަމަވާވަރު ނުވާނެ ކަމަށާއި އެހެންކަމުން އެތަނުން ގޯތި ލިބުނު މީހުންގެ ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ކަމަށެވެ. އަދި އެ ފުރުސަތުގައި ގިނަ ބަޔަކު މިހާރު ގުޅިފަޅަށް ގޯތި ބަދަލުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަވަހަށް ދޭންވެގެން ގެނައި ބަދަލުތަކެއް. އެހެންވީމަ ވައުދަކާ ހިލާފެއް ނުވަން. މީގެ މަފްހޫމް، މީގެ މަގުސަދަކީ ރައްޔިތުންނަށް އެންމެ އަވަހަށް އެ ގޯތިތައް ދިނުމަށް، އެންމެ އަވަހަށް އެ ގޯތިތަކަށް ވަދެވޭނެ ގޮތެއް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން. ގެންނަންޖެހޭ ބަދަލުތަކެއް އެކަނި ގެނެސްފައި އޮންނާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނެސްފައިވަނީ ކުދިކުދި ބަދަލުތަކެއް ކަމަށާއި އެއީ އެތަން އެންމެ ބޭނުންތެރި ގޮތެއްގައި ބޭނުން ހިފުމަށްޓަކައި ގެނެވުނު ބަދަލުތަކެއް ކަމަށެވެ.