ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާ މައްސަލައެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ. ހިތަދޫ / އަސަރީވިލާ، އަލީ މަނިކު (43އ) އެވެ. އޭނާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށާއި އެ މުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވުނު ޖިނާއީ މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން އިއްޔެއިން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރި ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.