މީހެއްގެ ވައިބާ އެކައުންޓު ހެކްކޮށްގެން 150،300 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލޭހިޔާ 1-16-03 / މާލެ، އަހުމަދު ހައްސާން (33އ) އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން އަހުމަދު ހައްސާން ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް އެނިފައިވާ ގޮތުގައި އަހުމަދު ހައްސާން ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.