ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެބްސައިޓަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓް "މިތުރު" ތައާރަފުކޮށް، ވެބްސައިޓު ބޭނުންކުރަން ފަސޭހަކުރުމަށް މުޅިން އާ ފީޗާސްތަކެއް ތައާރަފުކޮށްފިއެވެ.

މިމަހުގެ ތިންވަނަ ދުވަހު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަން އިފްތިތާހުކޮށްދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

3 ޑިސެންބަރު 2025: އެޗްޑީސީގެ އޭއައި ބޮޓު 'މިތުރު' --- ފޮޓޯ/ އެޗްޑީސީ

އަލަށް ތައާރަފުކުރި ފީޗާތަކާ ގުޅޭގޮތުން އެޗްޑީސީން ބުނީ އެ ފީޗާތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެބްސައިޓް ބޭނުންކުރަން ފަސޭހަކޮށްދިނުމަށް ތައާރަފުކުރި ފީޗާތަކެއް ކަމަށެވެ. އަދި އެ ވެބްސައިޓަށް މުޅިން އާ ފަންކްޝަންތަކެއް ވެސް އިތުރުކޮށްފައިވާ ކަމަށާއި އެގޮތުން ވެބްސައިޓް ބޭނުންކުރާ ފަރާތަށް ފަސޭހަވާނެހެން އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމް ބަދަލުކުރުމުގެ އިތުރުން ސްކްރީން ރީޑާ ފަންކްޝަން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ކިޔައިލުން ފަސޭހަކުރުމަށްޓަކައި، "ޑިސްލެކްސިޔާ ފްރެންޑްލީ" ފޮންޓެއްވެސް ތައާރަފްކޮށްފައިވާ ކަމަށެވެ.

މި މަސައްކަތަކީ އެޗްޑީސީން އާންމުކޮށް ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެބްސައިޓްގެ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށާއި ވެބްސައިޓަށް މި ގެނައި ބަދަލާއެކު، އެ ވެބްސައިޓުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.