ސާވޭއެއް ފުރިހަމަކުރުމުން 30،000 ރުފިޔާ ދޭނެ ކަމަށް ބުނެ ފެނަކައިގެ ނަމުގައި ސްކޭމެއް ހިންގަތީ ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓާއިން ބުނެފި އެވެ.

ފުލުހުން 'ފޭސްބުކް'ގައި ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފެނަކައާއި އެހެނިހެން ކުންފުނީގެ ނަންނަމުގައި ސްކޭމަރުން ފޭކު ވެބްސައިޓުތައް ހިންގަމުން އަންނަ ކަމަށެވެ.

އެފަދަ ސާވޭތައް ރައްޓެހިންނާ ހިއްސާކުރުމަށާއި ޒާތީ މައުލޫމާތާއި އެއްވެސް ބޭންކެއްގެ އެކައުންޓުގެ މައުލޫމާތު ދިނުމަށާއި، ޝައްކުކުރެވޭ ލިންކުތަކަށް ވަނުމަށް ސްކޭމަރުން އެދެމުން ދާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

"ވެބްސައިޓަކަށް ވަނުމުގެ ކުރިން ޑޮމެއިން ޗެކްކުރުން، ޝައްކުކުރެވޭ ލިންކުތައް ފުލުހުންގެ ސަމާލުކަމަށް ގެނައުން، އެފަދަ އެއްވެސް ލިންކެއް އާންމު ސޯޝަލް މީޑިއާގައި ހިއްސާނުކުރަން." ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓާއިން އިތުރަށް ބުނީ އެއްވެސް ކުންފުންޏަކުން ލިންކުތައް މެދުވެރިކޮށް "ބޮޑެތި ހަދިޔާތައް" ނުދޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ފެނަކައިން މިމަހުގެ ހަތަރު ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ، އެ ކުންފުނީގެ ހިދުމަތްތަކުން ސަބްސިޑީ ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޭޖުތައް ހިންގަމުން އަންނަ ކަމުގެ މައުލޫމާތު އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެފަދަ އެއްވެސް ޕޭޖެއް ނުހިންގާ ކަމަށް ބުނެ، ފެނަކައިން ބުނީ އެ ކުންފުނިން ފައިސާގެ މުއާމަލާތްތައް ހިންގާނީ އެ ކުންފުނީގެ ރަސްމީ އެކައުންޓުތަކުން އެކަނި ކަމަށެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ މިފަދަ ކަންކަމަށް އެންމެހާ ރައްޔިތުންވެސް ސަމާލުވެ، އެފަދަ ލިންކެއް ނުވަތަ ކޯލެއް އައިސްފިނަމަ، ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ރިޕޯޓުކުރުމަށް ފެނަކައިން އެދިފައިވެއެވެ.

މިމަހުގެ ކުރީކޮޅު ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ފާއިތުވި ނޮވެމްބަރު މަހު 164 ސްކޭމްގެ މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވެއެވެ. އޭގެތެރެއިން އެންމެ ގިނައިން ސްކޭމް ކުރަނީ އީ-ކޮމާސް، ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައެވެ.