ޔޫރަޕްގެ ގަދަ ބާރު، ބާސެލޯނާގެ ބީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ ސެނެގާލްގެ މިޑްފީލްޑަރު ޑިންޑޯ ޑިއާނޭ، ރާއްޖޭގެ ބުރު ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
އުމުރުން 31 އަހަރުގެ ޑިއާނޭއަކީ ސެނެގާލްގެ ތިއޭސްއަށް އުފަން ކުޅުންތެރިއެކެވެ. ޑިއާނޭ އުމުރުން 13 އަހަރުގެ ގަތަރުގެ މަގުބޫލު އެކަޑެމީއެއް ކަމަށްވާ އެސްޕަޔާއާ ގުޅިފައިވާ އިރު، އެ އެކަޑެމީން ޔޫރަޕަށް ދިޔަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ.
އެގޮތުން ޒުވާން އުމުރުގައި ބެލްޖިއަމްގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ކޭއޭއެސް އިއުސްޕެންއާ ގުޅިފައިވާ އިރު، އެ ކްލަބަށް ދެފަހަރެއްގެ މަތިން 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވެއެވެ.
ޑިއާނޭ ވަނީ 2014 ވަނަ އަހަރު ބާސެލޯނާގެ ބީ ޓީމަށް ސޮއިކޮށްފައެވެ. އެއީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ހަބަރުތައް ބުނާ ގޮތުގައި ޑިއާނޭގެ، އޭރު އަގަކީ 12 މިލިއަން ޕައުންޑެވެ.
ބާސާ ބީ ޓީމަށް 27 މެޗު ކުޅެދިން ޑިއާނޭ ވަނީ ބައެއް ކަޕް މެޗުތަކަށް ސީނިއާ ސްކޮޑުގައި ހިމެނިފައެވެ. އެހެން ނަމަވެސް، ސީނިއާ ޓީމަށް ރަސްމީކޮށް މެޗެއް ކުޅެފައެއް ނުވެއެވެ.
ޑިއާނޭ ބާސާއަށް ކުޅުމަށްފަހު ފިންލޭންޑްގެ ލީގާއި އިންޑިއާގެ އޮޑީޝާއަށްވެސް ކުޅެފައިވާ އިރު، އެންމެފަހުން ކުޅުނީ ފިލިޕީންސްގެ އެއްވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ މަނީލާ ޑިގަރަށެވެ.
ޑިއާނޭއަކީ ސެނެގާލް ގައުމީ ޓީމަށްވެސް ދެމެޗެއްގައި ކުޅެފައިވާ މިޑްފީލްޑަރެކެވެ.
ބުރުން ޑިއާނޭ ގެނެސްފައި ވަނީ އެޓީމުގެ ޑިފެންސިވް މިޑްފީލްޑަރުގެ ގޮތުގައި ފެނިގެންދިޔަ އަބްދުﷲ ޖުނައިދު (ޖޭއްނެ) އަށް ފުޓްސަލް ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ރިލީސް ދިނުމަށްފަހުއެވެ. އޭގެ އިތުރުން ބުރުން ވަނީ ޓްރާންސްފާ ފީއެއްގައި އެޓީމުގެ އެއްވަނަ ކީޕަރު، މުހައްމަދު ފައިސަލް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވިއްކާލައިފައެވެ.
މުޙައްމަދު ޝަމްޢޫން
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް