ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޓޯކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ކުރިއަށްގެންދާ އެ އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރު މުހައްމަދު އަމީނެވެ.
އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ފުލުހުންގެ ސީނިއާ އޮފިސަރުން އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު ވިދާޅުވީ މިކަމުގެ ސަބަބުން ފޭސް އެކެއް އަދި ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ހުޅުމާލެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް އަމާން މަގުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ފޭސް އެކެއް އަދި ފޭސް ދޭއްގައި އިތުރު ވެހިކަލްތައް ބަހައްޓާނެ ޖާގަ ހަމަޖައްސައިދިނުމަށް މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.
އެ އޮޕަރޭޝަނަކީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އާއި އެޗްޑީސީ، ޕަބްލިކް ވޯކްސް، އެމްޑަބްލިޔުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ގުޅިގެން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެއްގަމު އުޅަނދު
އެއްގަމު އުޅަނދު
އެއްގަމު އުޅަނދު
އެއްގަމު އުޅަނދު