މަސްތުވާތަކެތީގެ ވިޔަފާރިވެރިންނާ ދެކޮޅަށް ފުލުހުން ފަށައިފައިވާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫ ސިޓީން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ބުނީ އެ 10 މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކުރިއަށްގެންދިޔަ ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އޭގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހެއް ކަމަށްވާ ސ. ހިތަދޫ، ގުލްކަނދުގެ، ހަސަން ނަފީޒް (36އ) ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ވަނީ އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫއިން ހައްޔަރުކުރި ފަސް މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ.

4 ޑިސެމްބަރު 2025، އައްޑޫން ހައްޔަރުކުރި ޑްރަގު ނެޓްވޯކުގެ އިސްފަރާތްތައް -- ފޮޓޯ/ ޕޮލިސް

އެ ފަސް މީހުންނަކީ ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާން، ހާފިޒް ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުހައްމަދު (23އ) އެވެ.

އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ބުންޏެެވެ. އެއީ އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓްވޯކެއްގެ އިސް ބައެއް މީހުންނެވެ.

ފުލުހުން ބުނެފައިވަނީ އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މިއަހަރު މާޗް މަހުން ފެށިގެން ކަމަށާއި އެ ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމާއި ހާފިޒް ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.