ދުނިޔޭގެ ބެޑްމިންޓަން މައި ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން، (ބީއޭއެމް) އަށް ދީފައިވާ ސަސްޕެންޝަން އުވާލައިފިއެވެ.

ރާއްޖެ ސަސްޕެންޑް ކުރަން ބީޑަބްލިއުއެފްއިން ނިންމާފައި ވަނީ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. އެކަން އެމަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، ބީޑަބްލިއުއެފް އިން މި މަހު ތިން ވަނަ ދުވަހު ރާއްޖޭގެ ސަސްޕެންޝަން އުވާލަން ނިންމައި، މިއަދު ވަނީ އެކަން އެ ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް އިއުލާނުކޮށްފައެވެ.

ބީޑަބްލިއުއެފްއިން ބުނީ ބީީއޭއެމްގެ ކަންކަން ރަނގަޅު ކުރުމަށް އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް އޭރުގެ ހިންގާ ކޮމިޓީ ތަމްސީލްކުރާ މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ކުރެވުނު މަސައްކަތުން އަސާސީ ގަވާއިދު އިސްލާހުކޮށް، ކާމިޔާބުކަމާއެކު އިންތިހާބެއް ބޭއްވިފައިވާ ކަމަށެވެ.

ނޮވެމްބަރު އެއް ވަނަ ދުވަހު، ބީއޭއެމްގެ އަސާސީ ގަވާއިދެއް ފާސްކޮށް، ނޮވެމްބަރު 22 ވަނަ ދުވަހު އިންތިހާބެއް ބޭއްވި އާ ހިންގާ ކޮމިޓީއެއް އިންތިހާބުކުރެވިފައިވާއިރު، މި ކަންކަން ކުރެވިފައިވަނީ، ބީޑަބްލިއުއެފްގެ އޮބްޒާވަރުންގެ ހާޒިރުގައިކަން އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭން ކަންކަން ކޮށްފައިވާ ގޮތަށް ބަލައި، އޮބްޒާވަރުން ނިންމާފައި ވަނީ ރާއްޖޭގެ ސަސްޕެންޝަން އުވާލައި، އަލުން ބީޑަބްލިއުއެފްގެ މެމްބަރުކަން ދިނުމަށް ކަމަށެވެ. ބީޑަބްލިއުއެފް އިން ވަނީ، ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަދި އެޑް ހޮކް ކޮމިޓީ ހިމެނެއެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ މި އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު، ބީއޭއެމް އަތުން ގައުމީ ހައިސިއްޔަތު ނެގުމަށް ކުރި ނިންމުން ބަދަލުުކޮށް، އަލުން ބީއޭއެމަށް ގައުމީ ހައިސިއްޔަތު ދޭންވެސް އިއްޔެ ނިންމައިފައެެވެ.