އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު މިއަދު ފަށައިފިއެވެ.
މީޑިއާ މައުރަޒު 2025 ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މީޑިއާ މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް އަދި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން މިނިސްޓްރީގެ ސެކްޝަންތަކާ ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތާއި ކުރަމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫއުތަކާ ގުޅޭ މައުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މައުރަޒެއް ކަމަށެވެ.
މީޑިއާ މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާ ގުޅޭ ޝައުގުވެރި އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ހުތުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީޑިއާ މައުރަޒު މިއަދު 16:00 އިން 18:00 އަށް ކުރިއަށްދިޔަ އިރު، މާދަމާ ހެނދުނު 10:00 އިން 18:00 އާ ހަމައަށް މައުރަޒު ކުރިއަށްދާނެއެވެ.
މައުރަޒުގައި ޒުވާން ހާތިބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައި ކަމަށާއި ޝެއިހުންނާ ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ