ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީނަށް ވެރިކަން ކުރައްވަން ލިބުނު ފުުރުސަތުގައި ފުލުހުންގެ މުއައްސަސާއަށް އިތުބާރު ހޯދައިދިންނަމަ، މިއަދު އެ މަނިކުފާނު ގޭގެ "ސިޓިން ރޫމްގައި ފްރޮންޓް އޮފީސް" ހިންގަވަމުން، ފުލުހުންގެ މުއައްސަސާއަށް އިތުބާރު ނެތްކަމުގެ ވާހަކަދައްކަވަން ނުޖެހުނީސް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޔާމީންގެ އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ފުލުހުން ދިފާއު ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އިހުސާނަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފުލުހުން ދިފާއުކުރުމުގެ މަސައްކަތް އިހުސާން ކުރައްވަން ޖެހޭނެ ކަމަށެވެ. އިހުސާން އެކަން ނުކުރައްވާނަމަ ފުލުހުންގެ ނަޒާހަތްތެރިކަން ގެއްލި ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ގެއްލިގެންދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އޭގެ ބަދަލުގަ އޭނަ ދެއްކިހާ ވެސް ވާހަކައަކީ ފުލުހުންގެ ތެރޭގައި ދެން ކަންކަން ނުކުރާ މީހުންނަކަށް ފަސޭހައެއް ނުވާނެއޭ ކަމެއް ނުކޮށް ތިބޭކަށް، މިހާރު އިރޯޑުވެގެން ދާއިރު އޭނާ ވެސް ބޭނުންވަނީ ޝިޕް ސިންކްވެގެން ދާއިރު ހަމަ ސިންކްކޮށްލަން. އެކަމަކު މީނާ ދެއްތޯ މުއައްސަސާ ޑިފެންޑްކުރަން ހުންނަ މީހަކީ،" އިހުސާނަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވިއެވެ.
"އެކަމަކު އެ މީހުން އެބަޖެހޭ މަސައްކަތެއް ކޮށްގެން އަނެއްކާ ކްރެޑިބިލިޓީ ރެސްޓޯކުރަން، އެކަމެއް މިހާރު މި ހުރި މިނިސްޓަރު ނުކޮށްދޭނެ،"
ޔާމީންގެ އެ ވާހަކަތައް ރައްދުދެއްވައި އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާ އިރު، ފުލުހުންގެ މުއައްސަސާ ވެގެންދާނީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ކަމަށެވެ.
"ފަސް އަހަރުގެ ވެރިކަމެއް ކުރައްވާ ވަޑައިގެން 'ސިޓިން ރޫމުގަ ފްރޮންޓު' ހިންގަވަމުން ފުލުހުންގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި އެ ވެރިކަމުގައި ރައީސް އޮފީސްގައި ހުންނަވައިގެން އެކަން ކުރެއްވިނަމަ މިއަދު އޮންނާނީ ރައްޔިތުން އިތުބާރު ކުރައްވާ ފުލުހުންގެ މުއައްސަސާއެއް،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި، ގައުމު ދެކެ ލޯބިވާ ފުލުހުން ކަމަށެވެ. މި ފަސް އަހަރުގެ ތެރޭގައި ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ ފަދަ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ހޯމްލޭންޑް މިނިސްޓަރުގެ ހައިސިއްޔަތުން ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ފުލުހުންގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަން އެފަދަ ކަންކަން ރަނގަޅު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އިހުސާން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން