މިރޭ 12:00 ގެ ކުރިން ލ. ގަމަށް ކަރަންޓުދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށް ގަމު ކައުންސިލުން ބުނެފިއެވެ.
ގަމު އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ މިރޭ ވިދާޅުވީ ފެނަކައިން މިހާރު ޖަނަރޭޓަރުތައް ޓެސްޓުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
ޖަނަރޭޓަރުތައް ޓެސްޓުކުރުމުގެ ތެރެއިން މިރޭ ރަށުގެ ބައެއް ހިސާބުތަކަށް ކަރަންޓުދިން ކަމަށާއި ނަމަވެސް ފަހުން އިތުރަށް ޓެސްޓުކުރުމުގެ މަސައްކަތަށް އެ ސަރަހައްދުތަކަށް ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް ޒަކީ ވިދާޅުވިއެވެ.
ޒަކީ ވިދާޅުވީ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގި ކަމަށް ބެލެވެނީ ކަރަންޓުގެ މައްސަލައަކުން ކަމަށާއި އެ ހާދިސާގައި އެއް ޖަނަރޭޓަރު ފިޔަވައި އެހެން ޖަނަރޭޓަރުތަކަށް މާބޮޑު ގެއްލުންތަކެއް ވެފައިނުވާ ކަމަށެވެ. ނަމަވެސް ވަޔަރުތަކަށް ގެއްލުންތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓުދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައެވެ. އަނެކްސް ދެއަކަށް އަލިފާނުގެ އަސަރުކޮށްފައިނުވާ ކަމުގައި ދަންނަވަމެވެ..،" ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އެ ހާދިސާއާ ގުޅިގެން ވިޝުއަލް އިންސްޕެކްޝަނުން މިހާތަނަށް ބެލިބެލުމުން ފާހަގަވެފައިވާ ގޮތުން، ގެއްލުންވެފައިވަނީ ގަމަށް ކަރަންޓުދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ކަމަށެވެ. އެ ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިހާރު ގަމަށް ފެނުގެ ހިދުމަތްދޭން ފަށާފައިވާ ކަމަށާއި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމުތަކުން އަންނަނީ އެ ރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށް ފެނަކައިން ބުންޏެވެ.
ގަމު އިންޖީނުގޭގައި އަލިފާން ރޯވީ މިއަދު މެންދުރުފަހު 2:40 ހާއިރެވެ. އަދި މިއަދު ހަވީރު 4:00 ހާއިރު އަލިފާން އެއްކޮށް ވަނީ ކޮންޓްރޯލުކޮށްފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ލ. ގަން
ލ. ގަން
ލ. ގަން