ލ. ގަމުގައި ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި އަނިޔާ ލިބުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފިއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށް ތައްޔާރުކުރި ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.

ކަރަންޓު ޝޮކު ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން މިމަހުގެ 27 ގައި ބުނީ ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އެދުވަހުގެ ރޭ 11:00ގެ ފަހުން ކަމަށެވެ.

އެ ހާދިސާ ހިނގުމާއެކު އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. އޭގެފަހުން އިތުރުފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

އައިޖީއެމްއެޗް މިޑީޔާއިން މިއަދު "ވަން"އަށް ބުނީ އެ ކުއްޖާ މިއަދުގެ ވަގުތެއްގައި ވޯޑަށް ބަދަލުކޮށްފައިވާ ކަަމަށެވެ.