ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ފައިސަލް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ފައިސަލަކީ މިވަގުތުވެސް ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކީޕަރެކެވެ. ސީޒަނުގެ ތެރެއިން އޭނާ މިފަހަރު ނިއުއަށް ސޮއިކުރީ ބުރު ސްޕޯޓްސް ކްލަބު ދޫކޮށްލުމަށްފަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސަލް ބުރު ދޫކޮށް ނިއުއަށް ދިޔައީ ބޮޑު ޓްރާންސްފާ ފީއެއްގައެވެ.

މީގެ ކުރިންވެސް ފައިސަލް ވަނީ ނިއުއަށް ކުޅެފައެވެ. އެގޮތުން 2017 ވަނަ އަހަރު މެދުތެރެއިން ނިއުއަށް ބަދަލުވެ، ދެ ސީޒަނެއްގައި ފައިސަލް އެ ކްލަބަށް ކުޅެފައިވެއެވެ. ފައިސަލް މިފަހަރު ނިއުއަށް ބަދަލުވި އިރު، އޭނާ ވަނީ މި ސީޒަނުގައި ބުރުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

ފައިސަލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ސީޒަން މެދުތެރެއިން ބުރު ދޫކޮށްލަން ޖެހުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި، ފުރަތަމަ ދުވަހުން ފެށިގެންވެސް ބުރުގެ ސަޕޯޓަރުންނާއި މެނޭޖުމަންޓުން ބެހެއްޓި ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނިއުއިން މި ސީޒަން ފެށީ ޕާކިސްތާނުގެ އެއްވަނަ ކީޕަރު ސާގިބް ހަނީފާއެކުގައެވެ. ސީޒަނުގެ ކުރީކޮޅުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެ ކްލަބަށް އުނދަގޫތައް ކުރިމަތިވީ ސާގިބަށް ސީރިއަސް އަނިޔާއެއް ވުމުންނެވެ.

ސާގިބަށް އަނިޔާވުމުން ނިއުއިން ވަނީ ލަންކާ ކީޕަރު ކަވީޝް ލަކްޕްރިޔާ ބަދަލަކަށް ގެނެސްފައެވެ. ލަންކާ ކީޕަރު ނިއުއިން ގެނައީ ކީޕަރަށް އަނިޔާވުމުން ލިބޭ ހާއްސަ ޓްރާންސްފާ ހުއްދައެއްގެ ދަށުންނެވެ.